ޙަރާމް މުޢާމަލާތްތައް ކުރާ ބަޔަކަށް ސަލާމަތް ހިތަކައިގެން ނުދެވޭނެ: އައްޝައިޚް އަޙްމަދު ސަމީރު

ޤިޔާމަތްދުވަހަކީ ދަރިންގެ ފަރާތަކުންވެސް އަދި މުދަލަކުންވެސް ފައިދާއެއް ކުރާނެ ދުވަހެއް ނޫންކަމަށާއި ސަލާމަތް ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް ދާ މީހަކަށް ނޫނީ އެދުވަހަކުން މަންފާއެއް ނުކުރާނެކަމަށް އައްޝ...

20 Jul 2017 | 11:57

ޤިޔާމަތްދުވަހަކީ ދަރިންގެ ފަރާތަކުންވެސް އަދި މުދަލަކުންވެސް ފައިދާއެއް ކުރާނެ ދުވަހެއް ނޫންކަމަށާއި ސަލާމަތް ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް ދާ މީހަކަށް ނޫނީ އެދުވަހަކުން މަންފާއެއް ނުކުރާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ކޮންމެ ބުދަ ދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ 'އޮނަތިރީސް މިނެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ މަކަރާއި ހީލަތާއި ޙަރާމް މުޢާމަލާތްތައް ކުރާ ބަޔަކަށް ސަލާމަތް ހިތަކައިގެން ﷲ ގެ ޙަޟްރަތަށް ނުދެވޭނެކަމަށެވެ. އަދި އިންސާނާއަށް ޢަމަލުތައް މިކުރެވެނީ އޭނާގެ އެތެރެ ހައްޓަށް އަޅާ ހަކަތައަކުންކަމަށާއި އެ ހަކަތައަކީ ޙަރާމް ގޮތުގައި ހޯދާ ހަކަތައެއްކަމުގައި ވާނަމަ އެ އެއްޗެއް އަވަސްވެގަންނާނީ ޙަރާމް ކަންތައް ކުރުމަށްކަމަށެވެ.

"ޙަރާމްގޮތުގައި މުދަލާއި ފައިސާ ހޯދައިގެން ޖެހުނުހާތާކުން އަތުޖެހޭ ކޮންމެ އެއްޗެއް ލިބެން އޮތް ކޮންމެ ދިމާލަކުން އެކިއެކި ނަންތަކުގަ ހޯދައިގެން އޭގެ މައްޗަށް އަޅުގަނޑުމެންގެ ކެއުންބުއިން އަޅުގަނޑުމެންގެ ރިޒްޤު އޭގެ މައްޗަށް ޤާއިމުކޮށްފިކަމުގައިވަނީނަމަ ޤިޔާމަތްދުވަހުން ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ ނަފްސުތައް އެއީ ނަރަކައަށް އައުލާކަން ބޮޑު ނަފްސުތަކެއްކަމުގައި ވެއްޖެނަމަ ދެން އެމުދަލަކުން ފައިސާއަކުން އަޅުގަނޑުމެންނަކަށް ނަރަކައިން ސަލާމަތެއް ނުވާނެ" ޝައިޚް ސަމީރު ވިދާޅުވިއެވެ.

ރޭ ގެނެސްދިން ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 'ނަޒާހަތްތެރިކަން' މި މައުޟޫގެ މައްޗަށެވެ. މިމައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު އިތުރަށް ވިދާޅުވެފައިވަނީ ފައިސާ ދިނީމަ ކޮންމެ އަތަކަށްވެސް އެނބުރޭ ގޮތަށް މުޅި ޤައުމު ބައްޓަން ވެއްޖެނަމަ މުޅި ޤައުމު އެނބުރޭނީ ފައިސާވެރިންގެ އަތްދަށުގައި ކަމަށާއި އެހެންވެއްޖެނަމަ ޙައްޤާއި ޢަދުލު އިންސާފާއި އަދި ހުރިހާވެސް އެއްޗަކީ ފައިސާކަމުގައި ވެގެން ހިނގައިދާނެކަމަށެވެ.

"ފައިސާ ދިނީމައި ކޮންމެ ފަދަ ކަމެއްވެސް ކުރަން ކެރޭ މީހުން އަޅުގަނޑުމެންގެ މުޖްތަމަޢުން މިއަދު ފެނޭ. މީހެއްގެ ފުރާނަ ދުއްވާލުން ނުވަތަ މީހެއްގެ މުދަލަކަށް ގެއްލުން ދޭންވިކަމުގައިވިޔަސް އެކަން ކުރަން ކެރޭ މީހުން އުޅޭ. ފައިސާ ދިނީމަ ހަމަ ކޮންމެ އަތަކަށްވެސް އެނބުރޭ ގޮތަށް މުޅި ޤައުމުވެއްޖެނަމަ މުޅި ޤައުމު އެނބުރޭނީ ފައިސާވެރިންގެ އަތްދަށުގަ. އެހެންވެއްޖެނަމަ ޙައްޤާއި ޢަދުލު އިންސާފާއި އަދި ހުރިހާވެސް އެއްޗަކީ ފައިސާކަމުގައި ވެގެން ހިނގައިދާނެ" ޝައިޚް ސަމީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް