ބަންޑާރަ ނައިބު އަހުމަދު އަނިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
މި މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި 24 މެންބަރުންގެ ސޮޔާއި އެކު އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ. އެކަމަކު މަޖިލީހުން ވަޒީރެއްގެ އިތުބާރުނެތް ކަމަށް ފާސްވިޔަސް ފަހުގޮތް ނިންމާނީ ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ކަނޑައަޅާފައި އެވެ.
މިމަހުގެ ތިން ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެއް މެންބަރަކު ސޮއި ގެންދަވާ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާތީ އެ މައްސަލަ މިއަދު މަޖިލީހުން ވަނީ ބޭރުކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް