ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ބޭރުކޮށްލިކަން އެންގީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސޮއި ކުރައްވާ މެންބަރުންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި އެވެ.
އެ ސިޓީގައި ބުނެފައިވަނީ، އެ މައްސަލަ ބާތިލު ކުރީ، މައްސަލަ ހުށަހެޅި އެއް މެމްބަރު ކަމަށްވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދަވާފައިވާކަން މަޖިލީހަށް އަންގާފައިވާތީ އެވެ. އަދި އެ މައްސަލަ ހުށަހެޅުއްވިއިރު ސޮއި ކުރެއްވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ އަދަދު އުނިވެފައި ވާތީ މިހާރު އެ މައްސަލަ ބާތިލުވެފައިވާ ވާހަކަ ދެންނެވީމެވެ،" މޫސާ މަނިކު މެމްބަރުންނަށް ފޮނުއްވި ސިޓީގައިވެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މައްސަލަ ބާތިލްކޮށްފައިވާކަން މެންބަރުންނަށް އަންގާފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހަށް އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް