މިދިޔަ ހަފްތާގައި ރިލީޒް ކުރި " ޖައްގާ ޖާސޫސް" އިން ފެނިގެން ދިޔަ އިންޑިއާގެ އަސާމްގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ބިދިޝާ ބޭޒްބަރުއާ ދަންޖެހިގެން މަރުވި ކަމަށް ބެލެވެނީ ފިރިމީހާ އެހެން މީހަކާއި ލޯބީގެ ގުޅުން އޮންނާތީ ކަމަށް ތުހުމަތުކޮށްފި އެވެ.
ބިދިޝާ ދަންޖެހިފައި ހުއްޓަފެނުނީ އިއްޔެ މުމްބާއީގައި އޭނާ ދިރިއުޅޭ ފްލެޓުގެ ފަންކާއެއްގައި ދޯޕައްޓާއެއް އޮޅައިގެންނެވެ. އޭނާ ދަންޖެހިފައި ހުއްޓަ ފެނުނީ އާއިލާއިން ގުޅާ ގުޅާ ފޯނު ނުނެގުމުން ބައްޕަ ފުލުހުންނަށް އެންގުމުން ގޮސް ދޮރު ހަލާކު ކޮށްލައިގެން ވަނުމުންނެވެ. ދޮރު ހުރީ އެތެރެއިން ތަޅުލާފައި އެވެ.
ރިޕޯޓުަތައް ބުނާގޮތުގައި އޭނާ އަމިއްލައަށް މަރުވީ ފިރިމީހާ އެހެން މީހަކާ ގުޅުން ބާއްވާތީ ކަމަށް ފުލުހުންނަށް މައުލޫމާތު ދިނީ އޭނާގެ ބައްޕަ އެވެ. އެހެންވެ ފުލުހުން ވަނީ ބިދިޝާގެ ފިރިމީހާ ނިޝީތް ޖާ ހައްޔަރުކޮށް އޭނާގެ ފޯނު ރެކޯޑުތައް ބަލާފައި އެވެ. އަދި އެނގުނު ގޮތުގައި ތަކުރާތުކޮށް އޭނާ އެއް ނަމްބަރަކަށް ގުޅާފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށާއި ގުޅުން އޮންނަނީ އެއް އޮފީހެއްގައި މަސައްކަތް ކުރާ އަންހެނަކާއި ކަމަށް ތުހުމަތު ކުރެ އެވެ.
ބިދިޝާގެ މަރާ ގުޅިގެން އޭނާގެ ޓީޗަރެއް މީޑިއާގައި ބުނެފައިވަނީ މިދިޔަ މަހު ކުރީކޮޅު ދެމީހުން ބައްދަލުވުމުން އެވާހަކަ ޓީޗަރު ކައިރީ ބިދިޝާ ބުނި ކަމަށެވެ. އެކަމަކު މިދިޔަ މަހު 29 ގައި ދިމާވެގެން އެހުމުން ފިރިމީހާ އެހެން މީހަކާ ގުޅުން އޮންނަ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބިދިޝާ ބުނި ކަމަށް އެ ޓީޗަރު ބުންޏެވެ. ޓީޗަރު ބުނީ ބިދިޝާ އާއި އޮންނަނީ ވަރަށް ގާތްގުޅުމެއް ކަމަށެވެ.
ބިދިޝާ ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ބައްޕަ ގަބޫލު ކުރިޔަސް އެ ޓީޗަރު ބުނީ އެންމެ ފަހުން ބިދިޝާ ދެއްކި ވާހަކަތަކަށް ބަލާއިރު އެކަމާ އަމިއްލައަށް ދަންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މިކަމުގައި ފުރިހަމަ ތަހުގީގެއް ބޭނުންވާ ކަމަށް ޓީޗަރު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް