ރައީސުލްޖުމްހޫރިއްޔާ، "ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ"ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ 17 ޖުލައި 2017 ވީ ހޯމަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވާފައިވާކަމަށެވެ.
"މި ކޮމިޝަން އުފެއްދުވުމުގެ އެންމެ ބޮޑު މަގުސަދަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް އެންމެ އެދެވޭ ގޮތަށް މަސައްކަތް ކޮށްފައި ނެތުންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ." ރައީސް އޮފީހުން ވިދާޅުވި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށްޓަކައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އިން މުސްތަޤިއްލު ކަމާއެކު މަސައްކަތްކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޝަނަށް ދެއްވާފައި ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މި ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ ގދ. ރަތަފަންދޫ، ހިލިހިލާގޭ އަލްފާޟިލް އަޒްލީން އަޙްމަދު ކަމަށާއި މީގެ އިތުރުން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާނީ މއ ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އާއި ދަފްތަރު ނަންބަރު 5095 އަލްފާޟިލާ ޚަދީޖާ ޙުސައިން އާއި މ. އެލްސިއޯން ޑޮކްޓަރ އިބްރާހީމް މަޙްފޫޡް އާއި ގ. ރޭނިސް އަލްއުސްތާޛު މުޙައްމަދު ސަލީމް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް