ކޮމަންވެލްތުން ވަކިވުމަކީ ބޮޑު ގޯހެއް: ނައިބު ރައީސް

ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމާނަމަ އެއީ ހެދޭ ވަރަށްބޮޑު ގޯހެއްކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނެރުއްވި ބަޔާނެއްގަ އެ...

19 Jul 2015 | 20:56

ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމާނަމަ އެއީ ހެދޭ ވަރަށްބޮޑު ގޯހެއްކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނެރުއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޖަމީލް ވިދާޅުވެފައިވަނީ އޭގެ އަސަރު ޒުވާނުންނާއި އަންހެނުންނަށް އަދި ރާއްޖޭގެ އިގުސޯދަށް ވެސް ކުރާނެ ކަމަށެވެ.

"ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ކުޑަ ގައުމަކަށް ވާއިރު، އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ކޮމަންވެލްތުގެ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖެއަށް އެހީތެރިކަން ދީފައިވޭ" ނައިބު ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

އެ ބަޔާނުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން އަދި ސްރީ ލަންކާ، ސީމެގްގައި ހިމެނޭ ދުވަސްވަރެއްގައި ކޮމަންވެލްތުން ވަކިވުމަކީ "މޮޔަ ކަމެއް" ކަމަށެވެ.

"އިންޑިއާ އާއި ސްރީ ލަންކާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ސިންގަޕޫރާއި މެލޭޝިއާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާ އަދި ނިއުޒީ ލެންޑް، މި ގައުމުތަކާ ދެމެދު ރާއްޖެއިން ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ އިގުތިސޯދަށާއި ސަލާމަތަށް ވެސް ބޭނުންތެރި ކަމެއް" ޖަމީލުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، އެކަމާ ގުޅޭ އޮޕަރޭޝަންތަކުގައި ރާއްޖެއިން މައިގަނޑުގޮތެއްގައި އެހީތެރިކަން ހޯދަނީ ކޮމަންވެލްތުން ކަމަށް ނައިބު ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވާއިރު އެ ބަޔާނުގައި އެމަނިކުފާނު ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ތައުރީފް ކުރައްވާފަ އެވެ.

އެގޮތުން ވިދާޅުވައިވަނީ މިހާތަނަށް ފޮރިން މިނިސްޓަރު ކުރެއްވި މަސައްކަތުގެ މޭވލިބިފައިވާކަމަށާއި ރާއްޖެއާ ދެކޮޅަށް ސީމެގުން އެއްވެސް ފިޔަވަޅެއް ނޭޅީ އެކަމަނާގެ މަސައްކަތުން ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވަމީ ކަންކަމުގައި ސަރުކާރުން އަމަލްކުރާނެ ގޮތްތަކާ މެދު އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓިޖީގެ އެހީތެރިކަން މި ދުވަސްވަރު ލިބެމުން ދާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ނައިބު ރައީސްގެ ބަޔާނުގައި ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވައިދިނުމަށރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި ވެ އެވެ. އަދި ގާނޫނު އަސާސީން ފޮރިން މިނިސްޓަރަށް ލާޒިމްކޮށްފައިވާ ވާޖިބަށް ހުރަސް ނޭޅުމަށް ވެސް ނައިބު ރައީސް ޖަމީލްގެ ބަޔާނުގައި  ގޮވާލެއްވާފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން 1985 ގައި ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ ހެދީ އެކަމުން ލިބޭނެ ފައިދާ އާއި ގެއްލުމާ މެދު ވިސްނުމަށް ފަހުގައި ކަމަށެވެ. އަދި ރާއްޖެ މިނިވަންވީ ވަގުތު ކޮމަންވެލްތަށް ނުވަނުމަކީ އޭރު ހެދި ގޯހެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރާ އިރު އެ ގޯސް ތަކުރާރުކޮށްގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް