ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ދަރަނިތައް އަދާކުރުމަށް 5.1 ބިލިއަން ހޭދަކުރުމާއެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން ރުފިޔާ އަރަނިކޮށްފި

ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ 12 ޖޫން 2025 ގެ...

20 Jun 2025 | 17:41

ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވެއެވެ. އެހެންނަމަވެސް، ދައުލަތުން ތަންފީޛުކުރަމުންދާ ޚަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއިއެކު 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް، މިވަނީ ކުޑަކުރެވިފައެވެ. އެގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާއި އަޅާބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ. މިއާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 12 ޖޫން 2025ގެ ނިޔަލަށް ވަނީ 17.0 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައިވީނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް މިވަނީ 1.3 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް