ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުލޫއެވެ. މި މައުލޫއަށް ވަރަށް ފުޅާ ދާއިރާއެއްގައި މިއަދުގެ ހުތުބާގައި އަލި އަޅުވާލާފައިވެއެވެ.
ޚުތުބާގައި ބުނީ ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާއާ ކަމަށެވެ.
މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މާތް ﷲގެ މަގަށް ގޮވައިލައްވާން، މައްކާގައި ރަސޫލާ ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ދިޔައީ ރާވަމުން ކަމަށާއި އެ ހިނދު މާތް ﷲގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި މަދީނާއަށް އެކަލޭގެފާނު ހިޖުރަކުރެއްވި ހާދިސާ ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
"ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން" ޚުޠުބާގައި ބުނެފައި ވެއެވެ.
އަދި ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
"ރަސޫލާގެ އަރިހުގައި އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. (يَا رَسُوْلَ اللهِ! أَيُّ الْهـِجْرَةِ أَفْضَلُ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ.) މާނައީ: "އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ ކޮބައިތޯއެވެ؟ "އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ ކަންކަމުގައި މާތް ﷲއާ ވަކީލުކުރާންޖެހޭކަމީ، ހިޖުރައިގެ ޙާދިސާއިން އަހަރެމެންނަށް ލިބޭ ފިލާވަޅެއް ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މާތް ﷲއާ ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުން ނޫން ކަމަށެވެ.
ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަމާއި ތައުފީޤު ލިބޭނޭކަމަށް ޔަޤީންކޮށްގެން ހުރުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް