ހިނގާފައި ހައްޖަށް ދިއުމަށް އިންޑިއާއިން ފެށި ދަތުރު އެއް އަހަރުން އުފާވެރި ނިމުމަކަށް

ސިހާބުއްދީން ސައްޔިދު އަލާވީ ނުވަތަ ސިހާބު ޗޯތޫރުގެ ވާހަކަ ދިވެހި ބައެއް މީޑިއާތަކަށްވެސް މިދިޔަ އަހަރު އަރާފައިވާނެއެވެ. އެއީ އަވަށްޓެރި އިންޑިއާގެ ކެރެލާގެ މި ޒުވާނާ ފައި މަގުގައި ހައްޖު ދަތުރެއް ފެ...

20 Jun 2023 | 08:43

ސިހާބުއްދީން ސައްޔިދު އަލާވީ ނުވަތަ ސިހާބު ޗޯތޫރުގެ ވާހަކަ ދިވެހި ބައެއް މީޑިއާތަކަށްވެސް މިދިޔަ އަހަރު އަރާފައިވާނެއެވެ. އެއީ އަވަށްޓެރި އިންޑިއާގެ ކެރެލާގެ މި ޒުވާނާ ފައި މަގުގައި ހައްޖު ދަތުރެއް ފެށި ވާހަކައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ސިހާބު ފެށި މި ދަތުރު މި މަހުގެ ހަތްވަނަ ދުވަހު މިވަނީ ކާމިޔާބުވެފައެވެ. އޭނާ މިވަގުތު ހުރީ މާތްވެގެންވާ މައްކާ،މަދީނާގެ ބިމުގައެވެ. ސިހާބަށް މި ދަތުރު މި ނިންމައިލެވުނީ އެއް އަހަރާއި 17 ދުވަހުންނެވެ.

މި ދަތުރުގައި ސިހާބު މިވަނީ އިންޑިއާއިން ފެށި ދަތުރުގައި ޕާކިސްތާން، އީރާން، އިރާގު އަދި ކުވޭތު ހުރަސްކޮށް މައްކާއަށް ދަތުރުކޮށްފައެވެ. އެއީ 8،640 ކިލޯ މީޓަރުގެ ދިގު ދަތުރެކެވެ.

ސައޫދީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިހާބު ބުނެފައިވާގޮތުގައި އޭނާ މި ދަތުރު ފެށީ ހައްޖަށް ދިއުމަށް އޭނާ އެއްކުރި ފައިސާއިން މި ދަތުރު ނިންމާލަން ރާވައިގެން ކަމަށާއި އެހެން ނަމަވެސް މުސްލިމް ހުރިހާ ގައުމަކުންވެސް ލިބުނު އެހީތެރިކަމާއި އޭނާގެ މި މަސައްކަތަށް ސަޕޯޓްކުރާ ފަރާތްތަކުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން އެ ފައިސާގައި ނުޖެހި މުޅި ދަތުރު ނިންމާލެވުނު ކަމަށެވެ. އަދި ހުރިހާ ގައުމެއްގެ ކަމާބެހޭ ފަރާތްތަކުންވެސް ބެހެއްޓީ ވަރަށް ގާތް ކަމެއް ކަމަށާއި ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިންކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ސިހާބުގެ އެ ދަތުރު އޭނާ ދިޔައީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރަމުންނެވެ. އެހެންކަމުން ކޮންމެ ގައުމަކަށް ދާއިރުވެސް ދަންނަ، ސަޕޯޓްކުރާ ބަޔަކު ތިބެ އެ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ލިބެމުންދިޔަކަން ސިހާބު ފާހަގަކޮށްފައިވެއެވެ.

ސިހބުގެ އިންސްޓަގްރާމް އެކައުންޓްގައި 4.9 މިލިޔަން ފޮލޯވަރުން މިހާރު އެބަ ތިއްބެވެ. ދަތުރު ފެށިއިރު އެ އަދަދު އުޅުނީ 10 ހާހުން ދަށުގައެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައިވެސް މިހާރު 1.5 މިލިޔަން ސަބްސްކްރައިބަރުން ތިބިއިރު ސިހާބުގެ ފޭސްބުކް ޕޭޖަކީވެސް މިހާރު ވެރިފައިޑް ޕޭޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް