ފަލަސްތީނުގެ ޖެނިން އަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިއްޔެ ފަލަސްތީނުގެ ޖެނިން އަށް އިޒްރޭލު ފައުޖުތަކުން ދިން ހަމަލާ ދިވެހި ރާއްޖެއިން ކުށްވެރި ކޮށްފިއެވެ. އެ ހަމަލާގައި ކުޑަ ކުއްޖަކު ހިމެނޭހެން ފަސް މީހަކު މަރުވެ 90 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވ...

20 Jun 2023 | 08:12

އިއްޔެ ފަލަސްތީނުގެ ޖެނިން އަށް އިޒްރޭލު ފައުޖުތަކުން ދިން ހަމަލާ ދިވެހި ރާއްޖެއިން ކުށްވެރި ކޮށްފިއެވެ. އެ ހަމަލާގައި ކުޑަ ކުއްޖަކު ހިމެނޭހެން ފަސް މީހަކު މަރުވެ 90 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

އެ އަމަލު ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުން ހިތުގެ އަޑިން ތައުޒިޔާ ފާޅުކުރާކަމާއި އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ.

"ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރު ނެތް އާންމުންނަށް އިޒްރޭލު ނިސްބަތުން ބޮޑު ބާރުގެ ބޭނުން ކުރާތީ ރާއްޖެއިން އަދިވެސް ވަރަށް ބޮޑަށް ކަންބޮޑުވޭ" އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ދެ ދައުލަތުގެ ހައްލަކަށް ވާސިލްވެ ދިގުދެމިގެންދާ ސުލްހައެއް ހޯދޭނީ ފަލަސްތީނުގެ ވެރިރަށް ކަމުގައި "އިރުމަތީ އޫރުސަލީމް" ބާއްވައިގެން ކަމާއި މިނިވަން އަދި އިސްތިގުލާލު ފަލަސްތީން ދައުލަތެއް ގާއިމްކުރުމުންކަމަށެވެ.

ދިވެހި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއެކު، އަމިއްލަ ނިންމުމެއް ނިންމުމަށް ކުރާ ޝަރުއީ މަސައްކަތުގައިކަމަށް މިނިސްޓްރީ އޮފް ފޮރެން އެފެއަރޒްއިން ފާހަގަކުރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް