ނަޝީދު ނަޝީދުގެ ގޮތުގައި ކުރިއަށް – މިއަދަކު ޖަލްސާއެއް ނެތް

ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ އިތުރު ޖަލްސާއެއް މިއަދު ބޭއްވޭނެ ގޮތެއް ނެތި މަޖިލިސް މިއަދު ފަޅުވާގޮތް ވެއްޖެއެވެ. މިއަދުގެ ޖަލްސާއެއް އެޖެންޑާކޮށްފައިނުވާއިރު  މ...

20 Jun 2023 | 04:04

ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ އިތުރު ޖަލްސާއެއް މިއަދު ބޭއްވޭނެ ގޮތެއް ނެތި މަޖިލިސް މިއަދު ފަޅުވާގޮތް ވެއްޖެއެވެ.

މިއަދުގެ ޖަލްސާއެއް އެޖެންޑާކޮށްފައިނުވާއިރު  މިއަދާއި މާދަމާވެސް ޖަލްސާ ބޭއްވޭނެ ގޮތެއް ނެތް ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައެވެ.

ދެ މައްސަލަ ވައްދާފައިވުމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ދެން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އިއުތިރާޒު ކުރައްވާފައެވެ.

އެ އިއުތިރާޒަށްފަހު އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރިޔާސަތުގައި ނެތި މަޖިލިސް ކުރިއަށްގެންދިއުމަށް ޖާގަދެނީ ތިން ދުވަހެވެ.

މިފަދަ ހާލެއްގައި މަޖިލިސް ހުއްޓުމަށް އައިސްފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ޑިމާންޑެއް ކުރައްވާފައެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމެވެ.

އެހެންނަމަވެސް އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދެކޮޅުންކުރެ ކޮޅެއްގައި ނުޖެހި މަޖިލިސް މިވަނީ ހުސްކަމެއްގެ ތެރެއަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް