ފުލުހުންގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށާއި އެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނުން ގޮވާލައިފިއެވެ.
އެ ކޯލީޝަނުން މިކަމަށް ގޮވާލާފައިވަނީ ސަރުކާރުން އަންގައިގެން ރައްޔިތުންނަށް އަނިޔާވެރިވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްބުނެ ދަންވަރު ނެރުނު ނޫސްބަޔާނެއްގައެވެ.
"ސުލްޙަވެރިކަމާއެކު ދިވެހި ރައްޔިތުން ކުރިއަށް ގެންދިޔަ އިޙުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ފޮނުވި ގޭންގަކުން އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ، ސަރުކާރުގެ އެންގުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އިޙުތިޖާޖުގެ ބައިވެރިންގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯލީޝަނުން ބުނެފައިވަނީ ރޭގެ އިޙުތިޖާޖުގެ ތެރޭގައި ޕިޕީއެމްގެ ސެނެޓަރ އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުމުން، ނެވާއަށް އުނދަގޫވެ ހާސްވުމުގެ ސަބަބުން އެމަނިކުފާނު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައި ކަމަށާއި އަދި ޕީޕީއެމްގެ ސެނެޓަރ މިކޯލިޝަންގެ ޙަރަކާތު ކޮމިޓިގެ ޗެއަރ މުޙައްމަދު އިސްމާޢީލްގެ ލޮލަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖުހުމުން ލޯލަށް ނުފެންނަ ވަރަށް ލޯ ދުޅަވި ކަމަށެވެ. މީގެ އިތުރުންވެސް މީޑިއާ ފާސް އަޅުއްވައިގެން ތިއްބެވި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕރޭ ޖަހާ ނޫސްވެރިން ގެންގުޅުނު އަގުބޮޑު ސާމާނަށްވެސް ފުލުހުން ގަސްތުގައި ގެއްލުން ދިނުމާއި ސުލްޙަވެރިކަމާއެކު ތިއްބެވި ބައިވެރިންގެ މޫނަށާއި އަނގަޔަށް ޢަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާ އަނިޔާދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
"ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށްއައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށްވެސް ދަށު ދަރަޖައިގެ ޢަމަލުތަކެއް" އެ ކޯލީޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައި މިވަނީ މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާތަކުން އެފަރާތްތަކާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ޙަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ފަސްޖެހޭތީކަން މިފުރުޞަތުގައި ފާހަގަކޮށް، އެކަންކަން ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ މުއައްސަސާތަކުން މިކަންކަމަށް ދޭންވާ ސަމާލުކަން ދިނުމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް އެ ކޯލިޝަނުން ނަސޭހަތްތެރިވެ، މިމައްސަލަތައް ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް