ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ސަރުކާރާއި ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ކުރިޔަށް ގެންދިޔަ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން ދިވެހި ސަރުކާރާއި ފްލެޓުތައް ހަވާލު ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާ އެވެ. ސަރުކާރުގެ ފަރާތުން ފްލެޓުތަކާއި ހަވާލުވެވަޑައިގެންނެވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި ރަސްމިއްޔާތުގައި ސުހައިލް ވިދާޅުވީ ވިނަރެސްއަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދެވަނައަށް އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ކަމަށެވެ.
ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީ އިން ބައިވެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.
ސުހައިލް ވަނީ ހުޅުމާލެ ތަރައްގީ ކުރުމުގައި ޗައިނާއިން ވެދެމުންދާ އެހީއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސީއެމްއީސީގެ ޗެއާމަން ސަން ބައި ވިދާޅުވީ ކޯވިޑް-19 އާ އެކު މަސައްކަތްކުރިއަށް ގެންދިއުމަށް އެތައް ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އެކަމަކު ދިވެހި ސަރުކާރުގެ އެހީގައި އެކަމުން އަރައިގަނެ މަސައްކަތް ނިންމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
ވިނަރެސް ފްލެޓުތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް