މިދިޔަ މަހު ބޭއްވި މެޓްގާލާގައި އެމެރިކާގެ އިންފުލުއެންޒާ ކިމް ކާޑޭޝަން ލީ ހެދުން ހަލާކުކޮށްލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.
އެ ހަފްލާއަށް ކިމް ލައިގެން ދިޔައީ އެމެރިކާގެ ކުރީގެ މަޝްހޫރު ފަންނާނު މެރިލިން މޮންރޯއީގެ ހެދުމެކެވެ. އެ ހެދުމަކީ 1962 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ލަވައެއް ކިޔުމަށް މެރިލިން ލީ ހެދުމެކެވެ.
އެ ހެދުން ލައިގެން ބޮޑު ސަމާލުކަމެއް ކިމްއަށް ލިބިފައިވަނިކޮށް މެރިލިން މަންރޯގެ ކަލެކްޝަނުން ވަނީ އެ ހެދުމުގެ ބައެއް ތަންތަނުން ފަތި ވީދައިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހެދުމުގައި ހުރި ބައެއް މާފުތައް ވެސް ނެއްޓިފައި ކަމަށާއި ކިމް އެ ހެދުން ލުމަށް ފަހު އަނބުރާ ދިންއިރު ގެއްލުންވެފައި ހުރުމުން ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ.
އެ ފުރުސަތު ކިމް އަށްދިނީ އެ ހެދުން ބަހައްޓާފައި ހުންނަ ރިޕްލޭސްގެ ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގެ މެރިލިން މަންރޯގެ ކަލެކްޝަނުންނެވެ. މެރިލީން މަންރޯގެ ކަލެކްޝަންގެ ވާހަކަތައް މިހާރު އެ މިއުޒިއަމްއިން ވަނީ ދޮގުކޮށްފަ އެވެ.
ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްއިން ނެރުނު ބަޔާނެއްގައި ބުނީ ކިމް އެ ހެދުމަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ. އަދި އޭނާ އެ ހެދުން ލައިގެން ހެދުމުގެ ތަނެއް ހަލާކުވެފައިވެސް ނުވާ ކަމަށެވެ.
އެތަނުން ބުނީ ވަރަށް ކައިރިން ބެލުމުން ހެދުމަށް ގެއްލުމެއް ލިބިފައިވާހެން ހީވިޔަސް އެއީ ކުރިންވެސް އެ ހެދުމުގައި ހުރި ތަންތަން ކަމަށް ބުނެފައިވެ އެވެ.
ރިޕްލޭސްއިން ބުނީ ހެދުން އެހެން މީހަކު ލުމުގެ ފުުރުސަތު ދިނީ ޒުވާން ޖީލަށް ހެދުމާއި ހެދުމުގެ އަސްލު ވެރިފަރާތުގެ މުހިންމު ކަން ބުނެދިނުމަށް ކަމަށެވެ.
މި މައްސަލައިގަ މެރިލީން ކަލެކްޝަނުން ދަނީ ރިޕްލޭސްއިން އަސްލު އޮޅުވާލައި ހެދުމަށް އިހުތިރާމް ކުޑަވާގޮތަށް، ކިމްގެ ދިފާއުގައި ދެއްކި ވާހަކަ ކުށްވެރިކޮށްފަ އެވެ. އަދި ކިމް ލައިގެން ހެދުން ހަލާކުވެފައިވާ ކަމުގެ ތަފާތު ހެކިތައް ކަލެކްޝަނުން ދަނީ ދައްކަމުންނެވެ.
ކިމް ބުނީ އެ ހެދުން އޭނާ މެޓްގާލާގައި ލީ އެއްވެސް އުނި އިތުރެއް ނުގެނެސް އޭނާގެ ހަށިގަނޑު ހިއްކާލައިގެން އެ ހެދުމަށް ފިޓުކޮށްގެން ކަމަށެވެ.
ކިމް މީގެ ކުރިން ބުނިގޮތުގައި އެ ހެދުން ލާފައި ވަނީ ހަމައެކަނި ފޮޓޯނެގުމަށެވެ. އެ ލައިގެން ތަނެއްގައި އިށީނުން އަދި ކެއުން ފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް