ސްޓެލްކޯގެ "އަވިކަތަ" ސްކީމް - އާމްދަނީ ހޯދުމަށް ފަހި ފުރުސަތެއް!

ސްޓެލްކޯ ގެ "އަވިކަތަ" ސްކީމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ސްކީމް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއ...

20 Jun 2022 | 08:49

ސްޓެލްކޯ ގެ "އަވިކަތަ" ސްކީމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ސްކީމް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

ސްޓެލްކޯ އިން ބުނީ އެ ސްކީމްގެ ސަބަބުން ފައިސާ ލިބި، ފަސޭހައިން ކުލި ލިބޭއިރު، ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރުމަށް ޚަރަދުކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އެތައް ފައިދާއެއް ކުރާ ތިމާވެއްޓާ ރަހުމަތްތެރި ސްކީމެއް ކަމަށެވެ.

"އަވިކަތަ" ސްކީމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ކޮށްގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ "އަވިކަތަ' ސްކީމް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު އަންނަ ޖުލައި މަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

އެ ސްކީމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން ހިމެނެއެވެ.

ސްޓެލްކޯ އިން ބުނީ މި ސްކީމުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ހުށަހެޅުންތައް ބެލުމަށްފަހު ސްޓެލްކޯއިން ލޮކޭޝަން ދިރާސާކުރާނެ ކަމަށެވެ. އަދި އެމީހެއްގެ ހުށަހެޅުން ބަލައިގަންނަ ނަމަ އެ މީހަކާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް