ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ބާ ކައުންސިލްގެ އެކްސްކޯއިން ނިންމައިފި

ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ބާ ކައުންސިލްގެ އެކްސްކޯއިން ނިންމައިފިއެވެ. އެ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ލައިސަންސް ފުރިހަމަކުރުމަށް ބޭނުންވާ އިމްތިހާނެކެވެ. ބާ ކައުންސިލުން ނެރުނު ބަޔ...

20 Jun 2022 | 08:19

ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ބާ ކައުންސިލްގެ އެކްސްކޯއިން ނިންމައިފިއެވެ.

އެ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ލައިސަންސް ފުރިހަމަކުރުމަށް ބޭނުންވާ އިމްތިހާނެކެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނާ ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެކްސްކޯއިން މަޝްވަރާ ކޮށްފައިވާކަމަށެވެ.

މިމަހުގެ 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ކަނޑައަޅަފައިވާ ކަމަށާއި އިމްތިހާނު ކުރެވޭނެ ގޮތް އެ ކައުންސިލުން ގެންދިޔައީ ދުރާލާ އަންގަމުން ކަމަށް ބުނެފައިވެއެވެ.

އެހެންވުމާ އެކުވެސް އިމްތިހާނު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގެ 90 ދުވަސް ކުރިން އެ ތާރީޚު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަން ވަނީ ބުނެފައެވެ.

އެގޮތުގެ މަތިން މާރޗު މަހު ވާނީ ޖޫން 25 ގައި އިމްތިހާން އޮންނާނެކަން އެ ކައުންސިލުން އިއުލާންކޮށްފައިކަން އެ ބަޔާނުގައި ބުނެފައިވެއެވެ.

2020 ވަނަ އަހަރުން ފެށިގެން އެ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުންދާ އިމްތިހާނެއް ކަން ފާހަގަކޮށް ބުނީ އެންމެ ފުރަތަމަ އޭޕްރީލް 23، 2020 ގައި އިމްތިހާނު ކުރެވޭ ދާއިރާތައް ބާ ކައުންސިލުން ގެޒެޓް ކުރިކަމަށާއި 2022 ވަނަ އަހަރުގެ މެދުތެރެއަށް އިމްތިހާން ފަސްކުރެވިފައިވާ ކަން ސެޕްޓެމްބަރު 2021 ގައި އިއުލާންކޮށް ދެވަނަ ފަހަރަށް ވެސް އިމްތިހާނު ކުރެވޭ ދާއިރާތައް ގެޒެޓްކުރިކަމަށް ބާ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބާ ކައުންސިލުން ބުނީ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވެސް މި އަހަރުގެ ޖެނުއަރީ މަހު 600 އަށް ވުރެ ގިނަ ދަރިވަރުންނާއި ގާނޫނީ ފަންނަށް ވަނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނޭ ޕްލެޓްފޯމެއްގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ފީ އަގުު ބޮޑުވުން ކަމަށާއި އެއީ 10،000 ރުފިޔާ ކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކަންބޮޑުވުންތައް ދަރިވަރުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ.

ކޮމިޓީން ވެސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް