ސްޓެލްކޯގެ މެނޭޖުމެންޓުގައި ތިއްބެވީ މުވައްޒަފުންނާ އެކުވެރި، މުވައްޒަފުންގެ މަސްލަހަތާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކެއް: ޝަރީފް

ސްޓެލްކޯގެ މެނޭޖުމެންޓުގައި ތިއްބެވީ މުވައްޒަފުންނާ އެކުވެރި، މުވައްޒަފުންގެ މަސްލަހަތާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވ...

20 Jun 2022 | 06:57

ސްޓެލްކޯގެ މެނޭޖުމެންޓުގައި ތިއްބެވީ މުވައްޒަފުންނާ އެކުވެރި، މުވައްޒަފުންގެ މަސްލަހަތާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އެ ކުންފުންޏަށް 25 އަހަރުން ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ޝަރީފް ވަނީ ހުޅުމާލެ ފޭސް ދޭއްގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.

އެގޮތުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ ޖުލައި މަހުގެ ފަހު ހަފުތާގައި އެ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފެށޭނެ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ދަނީ ޕްލޭނާ އެއްގޮތަށްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފުލެޓު ލިބިފައިވާ މުވައްޒަފުން އެތަނަށް ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ގްރޭސްޕީރިއަޑެއް ނުދީ މުވައްޒަފުން ފުލެޓުތަކަށް ފައިސާ ދައްކަން މި ކުންފުނިން ބޭނުމެއް ނުވޭ. މެނޭޖުމެންޓުން ސްޓާފުންނަށް ލުއި ހޯދައި ދިނުމުގެ ގޮތުން ތިބޭފުޅުންނަށް ފުލެޓުތަކަށް ވަނުމަށްޓަކާއި އަޅުގަނޑުމެން ގްރޭސް ޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ ޖެނުއަރީ އެކަކުން ފެށިގެން އެތަނުގެ ކުލި އަޅުގަނޑުމެން ކުންފުންޏަށް ނަގަން ފަށާނީ،" ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯގެ ފުލެޓުތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާ، ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރުވަނީ ފަށާފައެވެ. އެ ފުލެޓުތަކުގައި އެކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާއިރު، އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް