އިއްޔެ ބައެއް މީޑިއާތަކުގެ ފަލަ ސުރުހީގައި އޮތީ މާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅޭގޮތުން ދިވެހި ފުލުހުން މީޑިއާއަށް ގޯސްކޮށް މައުލޫމާތު ދިނީ ކަމަށެވެ. ދިން މައުލޫމާތު އުޑާއި ބިމާހާ ތަފާތު ކަމަށެވެ.
ފުލުހުންގެ މީޑިއާ ޓީމާއި ދިވެހި މީޑީއާތައް ހިމެނޭހެން ހަދާފައިވާ ވަޓްސް އެޕް ގްރޫޕްގައި ހޮނިހިރު ދުވަހުގެ ރޭ ނޫސްވެރިއަކު ސުވާލެއް ކުރިއެވެ. އެ ސުވާލުގައި ބުނެފައިވަނީ އެމްޓީސީސީ ބަހަކުން ޖެހި ދުވަސްވީ އަންހެނެއްގެ ފައި ބިންދައިގެންގޮސް ޓްރީޓޮޕް ހޮސްޕިޓަލުގައި އެތަ އޮތްކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށާއި އެއީ ތެދެއްތޯ ؟ އެވެ.
ޖަވާބުގައި ފުލުހުން މައުލޫމާތު ދިނީ މުޅިން އެހެން އެކްސިޑެންޓެއްގެ މައުލޫމާތެވެ. ހަމަ އެ ދުވަހު ހަމަ އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހުނީތީ ފުލުހުންނަށް އޮޅުނީ ކަމަށް ވެދާނެއެެ.
ނޫސްވެރިޔާގެ އެ ސުވާލަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ މާލޭ ބްރިޖް ލައިޓު ކައިރިން އެމްޓީސީސީ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު އެދުވަހުގެ މެންދުރުފަހު 3:14 ހާއިރު ލިބިފައިވާކަމަށާއި އެ އެކްސިޑެންޓްގައި ސައިކަލުން ވެއްޓުމުގެ ސަބަބުން 54 އަހަރުގެ އަންހެނެއްގެ ފައިގެ ހަން މަށައިގެން ގޮސްފައިވާކަމަށެވެ.
ޖެހިގެން އައި ދުވަހު އެ ނޫސްވެރިޔާ އެ ގްރޫޕަށް އެކްސްރޭ ފޮޓޯތަކެއް ލާފައި، 66 އަހަރުގެ އަންހެން މީހެއްގެ އަތް ދެ ތަނަކުން ބިނދިފައިވާކަމަށް ބުނެފައިވެއެވެ. އެކަމާ ފުލުހުން އޭރަކު ބަހެއް ނުބުނެއެވެ.
ދެ ތަނަކުން އަތް ބިނދުނު އެ އަންހެން މީހާގެ އާއިލާއިން އެކި މީޑިއާތަކަށް ގުޅައި، ފުލުހުން އެ ހަދަނީ ދޮގު ކަމަށާއި ސައިކަލުގައި ދެމީހަކު ތިބި ކަމާއި އެކެއްގެ ފައި މަށައިގެން ދިޔައިރު ފަހަތުގައި އިން އުމުރުން ދުވަސްވީ މީހާގެ އަތް ދެ ތާކުން ބިނދިފައިވާކަމަށް ބުނެފައިވެއެވެ.
ފުލުހުން ހަދަނީ ދޮގުކަމަށް ނިންމައި ބައެއް މީޑިއާތަކުން ހަބަރު ލިޔުނީ އާއިލާއާއި ހަވާލާދީއެވެ. އެހާ ހަމައަށްވެސް ދެ އެކްސިޑެންޓެއް ހަމަ އެ ދުވަހު ހިނގިކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ވާނެ ހައެއްޗެއް ވި ފަހުން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މި ވެގެން އުޅޭގޮތް ތިލަކޮށްދީފައެވެ.
ފުލުހުން ބުނެފައިވަނީ ކުރީގެ ކުނިކޮށި ކައިރިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ހޮނިހިރު ދުވަހުގެ 12:19 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެ އެކްސިޑެންޓް ހިނގި ވަގުތު ފަހަތުގައި އިން 66 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
ކޮންމެއަކަސް އެމްޓީސީސީގެ ބަހާއި ސައިކަލުން ޖެހި ދެ އެކްސިޑެންޓެއް ހިނގާފައިވާއިރު މިކަހަލަ އޮޅުމެއް މީޑިއާއަށްވެސް ފުލުހުންގެ މީޑިއާއަށްވެސް އަދި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ އާއިލާއަށްވެސް އެރީއެވެ. އަދި ހަމަ އެ ދުވަހު އެމްޓީސީސީ ބަހަކުން ސައިކަލެއްގައި ޖެހި ތިންވަނަ އެކްސިޑެންޓެއް ހިނގިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް