ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. އެންވަޔަރ...

20 Jun 2021 | 14:29

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އަހުލުވެރިކުރުވުމާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ރައްކާތެރިކުރުމަށް މަގުފަހި ކުރުވުމާއި މިފަދަ ސަރަޙައްދުތައް ހިންގާ ބަލަހައްޓާ ފަރާތްތަކުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ކަންކަމުގައާއި އެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަން ދޭންވީ ކަންކަމާއި ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުޞޫލުތަކާއި މިންގަނޑުތަކަށް ޤާއިމުކުރުމަށް މަގުފަހި ކުރުވުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޤުދުރަތީ ހުރިހާ ރީތިކަމެއް ލިބިފައިވާ ޤައުމަކަށްވެފައި ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއް ކަމަށާއި، ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި، މަޝްހޫރު ޑައިވް ސައިޓްތަކާއި، ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އަދި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭކަމަށާއި އަދި ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އާއި އަރިއަތޮޅުގައި ހުންނަ ސައުތް އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤުބޫލު ތަންތަން ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓަރ ސެންޓަރތަކާއި އެ ޕާކުތައް މެނޭޖުކުރަން ޚާއްޞަ މުވައްޒަފުން ތިބޭނެކަމަށާއި އަދި މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަޙައްދާއި ކުރިއަށްއޮތްތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަޙައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.

އަދި، ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަކީ ތަނެއް ހިމާޔަތްކުރެވި،އަދި މެނޭޖްކޮށް އަދި އޭގެއިން އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެކަން ދައްކުވައިދޭ ތަންތަން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތައާއި، ކަނޑޫ، ފާ ޗަސްބިންތަކުގެ 20 އިންސައްތަ އަދި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރޭޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާނެ ކަމަށެވެ.

އަދި ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޤުދުރަތީގޮތުން މުއްސަނދި ތަންތަން ކަމަށާއި މިތަންތަން ރައްކާތެރިކޮށް ބަލަހައްޓާ ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހިމާޔަތްކުރެވިފައިވާ ތަންތަނަކީ އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯޓޫރިޒަމް ފެސިލިޓީތަކާއި، ގައިޑްލަންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް