ސިންގަޕޫރުގެ އެސްޓްރާ ޒެނެކާގެ އުފެއްދުމެއް ކަމުގައިވާ "ކޮވިޑް-19 ވެކްސިން އެސްޓްރާ ޒެނެކާ" ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.
މި ހުއްދަ ދީފައި ވަނީ، މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށެވެ.
ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެމްއެފްޑީއޭއިން ބުނީ މި ނިންމުން އެ އޮތޯރިޓީން ނިންމީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާއާއި މަޝްވަރާއާއި އެކުގައި ކަމުގައެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ހަތްވަނަ ވެކްސިންއެވެ.
ރާއްޖޭގައި ބޭނުންކުރުމަށް މިއަދު ހުއްދަ ދީފައި މިވާ އެސްޓްރާ ޒެނެކާ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވެއެވެ.
ކުއްލި ހާލަތުގައި ބޭނުން ކުރަން ޑަބްލިޔުއެޗްއޯއިން ހުއްދަ ދިނުމާ އެކު މި ވެކްސިން ބޭނުންކުރަން ފެށި 115 ގައުމުގެ ތެރޭގައި އެމެރިކާ އާއި ޔޫކޭ އާއި ކެނެޑާ އަދި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި، ސްޕެއިންގެ ވެކްސިނެއް ކަމަށްވާ “ކޯވިޑް ވެކްސިން މޯޑާނާ” އަދި ޖެންސެންގެ އުފެއްދުމެއް ކަމަށްވާ “ކޯވިޑް ވެކްސިން ޖެންސެން” ގެ އިތުރުން، ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިން ހިމެނެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީގެ ހުއްދަ އާއެކު ރާއްޖޭގައި މިހާތަނަށް ދެމުން އައީ ފައިޒާ، ސިނޮފާމް އަދި ކޮވިޝީލްޑް ވެކްސިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް