ކޯވިޑް-19 ގެ ހާލަތު އައިސް ލޮކްޑައުންކޮށް މުޅި ދުވަހު ގޭގައި ތިބެން ޖެހުމުން ކުޑަކުދިންނަށް ދުރު ފެނުމުގެ މައްސަލަތައް އިތުރު ވެއްޖެ ކަމަށް ސިންގަޕޫރުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ސިންގަޕޫރުގެ ލޮލުގެ ބަލިތަކާއި ބެހޭ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ ކުދިންގެ ފަރާތުން ފެންނަ މުންދާ ބަލިތަކާއި ބެހޭގޮތުން ހަދާފައިވާ މި ދިރާސާގައި ބައިވެރިވި ކްލިނިކު ތަކުން ބުނީ ކޯވިޑްގެ ލޮކްޑައުނާއިި ގުޅިގެން ސްރީނަށް ބަލާ ވަގުތު އިތުރުވެފައިވާތީ ކުޑަކުދިންގެ ލޮލުގެ ބަލިތައް އިތުރުވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނައީ ދުރު ފެނުމުގެ މައްސަލަތައް ދިމާވުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ ކުޑަކުދިންގެ 30-40 ޕަސެންޓު ކުޑަކުދިންގެ ދުރުފެނުމުގެ މައްސަލަ ނުވަތަ "މަޔޯޕިއާ" ހުންނަ ކަމަށެވެ.
އެ ކްލިނިކް ތަކުން ބެލެނިވެރިން މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެފަދަ ކުދިންނަކީ ދުވާލަކު މަދުވެގެން 10 ގަޑިއިރު ސްކްރީނަށް ބެލުމުގައި ވަގުތު ހޭދަ ކުރާ ކުދިން ކަމަށެވެ. މަޔޯޕިއާ ޖެހިފައިވާ ގިނަ ކުދިންނަކީ އުމުރުން 5-6 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިންނެވެ.
މި އުމުރުފުރާގެ ކުދިންނަަށް މަޔޯޕިއާ ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދުރު ނުފެންނަކަން ރަނގަޅަށް ބުނެދޭން ނޭނގުމެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލައަށް އެކަން އިހުސާސް ކުރެވި އެއީ ފަރުވާ ކުރަން ޖެހޭ ކަމެއް ކަން އެނގޭއިރު މާ ގިނަ ދުވަސްވެފައިވުމުން އެކަށީގެންވާ ފަރުވާ ލޮލަށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ސިންގަޕޫރުގެ ނެޝަނަލް އައި ސެންޓަރުގެ ތަފާސް ހިސާބު ދައްކާގޮތުން އެ ގައުމުގެ އުމުރުން 18 އަހަރުން ދަށުގެ 80 ޕަސެންޓު ކުދިންނަކީ ދުރު ފެނުމުގައި މައްސަލަ ހުންނަ ކުދިންނެވެ.
އެހެންވެ މި ދިރާސާއިން ނުކުތް ނަތީޖައަށް ބަލައި އެ ސެންޓަރުން ވަނީ ކުޑަކުދިން ސްކްރީނަށް ބެލުމުގައި ހޭދަ ކުރާ ވަގުތު ވީހާވެސް މަދު ކުރުމަށް ބެލެނިވެރިން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް