އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް އެ ކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އީސީގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ ހަފްތާގައި އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފު އީސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން މިއަދު ފުވާދު ވިދާޅުވީ އީސީގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ. އަދި އެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ފުވާދު ވަނީ މީގެ ކުރިންވެސް އީސީގެ ރައިސްކަން ކުރައްވާފައި އެވެ. އޭނާ އެފަހަރު އީސީގެ ރައީސް ކަމުންނާއި މެމްބަރު ކަމުން ދުރު ކުރީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕްރީމް ކޯޓުން މައްސަލައެއް ބެލުމަށް ފަހު ނެރުއްވި އަމުރަކުންނެވެ.
ދެވަނަ ފަހަރު އީސީގެ މެމްބަރު ކަމަށް ފުވާދު އައްޔަން ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެވެ.
އިސީގެ ރައީސަކު ހޮވުމުގެ ބައްދަލުވުން ބާއްވާނީ އީސީއަށް ފަސް މެމްބަރުން ހަމަވުމުންނެވެ. ޝަރީފު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަތަރު މެމްބަރުންނެވެ.
މިވަގުތު އީސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ނައިބު ރައީސް އިސްމާއިލް ހަބީބާއި، މެމްބަރު އަލީ ނަޝާތު އަދި ފުވާދުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެެވެ.
ޝަރީފު އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވިޔަސް އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް އަދި ރައީސް އޮފީހުން ހުޅުވާލާފައެއް ނުވެ އެވެ. އީސީއަށް މެމްބަރަކު އައްޔަން ކުރެވޭނީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ނަންނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުން ރުހުން ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް