އިދިކޮޅު ޕީޕީއެމްއިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރާނީ މަފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ކަމަށް ކަނޑައަޅައިފި އެވެ.
އެގޮތަށް ނިންމީ ޕީޕިއެމްއިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުންނެވެ. ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކޮށްފައިވަނީ ނަރީޝް އާއި ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ ކައުންސިލަރު އައިޝަތު ނަހުލާ އެވެ.
އެ ދެ ކައުންސިލަރުންނާއި ވާދަކޮށް ނަރީޝް ހޮވިފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނަރީޝްއަށް ލިބުނީ ފަސް ވޯޓެވެ. ނަހުލާއަށް ހަތަރު ވޯޓު ލިބުނު އިރު ޝުޖާއުއަށްވެސް ލިބިވަޑައިގެންފަ ވަނީ ހަތަރު ވޯޓެވެ.
މާލޭ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޕީޕީއެމްއިން ކަނޑައެޅި ނަރީޝްއަށް މާލޭގެ ޑެޕިއުޓީ މޭޔަރުކަން ލިބޭނެ ކަން ވަަރަށް ޔަގީން ކުރެވެ އެވެ.
އެއީ މާލޭ ސިޓީ ކައުންސިލްގެ 18 ދާއިރާގެ ތެރެއިން ފަސް ދާއިރާ ފިޔަވާ ހުރިހާ ދާއިރާތަކެއްގައި ތިއްބަވަނީ ޕީޕީއެމް ކައުންސިލަރުންނަށް ވާތީ އެވެ.
ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާރު ޑެޕިއުޓީ މޭޔަރު ނުހޮވަނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލް އެކަންޏެވެ. އަދި ބައެއް އަތޮޅުތަކާއި ރަށު ކައުންސިލްގެ ނައިބ ުރަައީސާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރަީިސާއި ނައިބު ރައީސް ނުހޮވަ އެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީން ބުނެފައިވަނީ މާދަމާގެ ނިޔަލަށް އެ މަގާމުތަކަށް މީހުން ހޮވައި ނިންމަން ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް