ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިވެހި ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އަމީރު ވިދާޅުވީ މި ދުވަސްވަރަކީ މުޅި ދުނިޔެ ވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއް ކަމަށާއި، އެހެންކަމުން ޚަރަދު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކުގެ އަމާޒަކަށް ވާން ވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުން ކަމަށާއި، ޕްރިއަރަޓައިޒްކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކުރުން ކަމަށެވެ. އަދި މިވަގުތަކީ ބޭނުންވިޔަސް, ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން ދަށަށް ދާން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރި ކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަ ކުރުމަކީ މެދު ރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
މިކަން ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން ކަމަށާއި، 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މިކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް