ތާރީހީ ކާމިޔާބާއި އެކު އެމެރިކާ ދަތުރުފުޅަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންފި

އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރައްވައި، އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ. ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ އދ. ގެ އަންމ...

20 Jun 2021 | 07:04

އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރައްވައި، އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ އދ. ގެ އަންމު މަޖިލީހުގެ ރައީސަކު ހޮވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެ ޖަލްސާގައި ޝާހިދު ވަނީ އާންމު މަޖިލީހުގެ ރައިސްގެ ގޮނޑި ކާމިޔާބު ކުރައްވާ ތާރީހީ ކާމިޔާބެއް ރާއްޖެއަށް ހޯއްދަވައިދެއްވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ.

ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރެއްވީ 143 ގައުމުގެ ތާއިދާއި އެކު އެވެ. އެ ގޮނޑިއަށް ޝާހިދުއާ ވާދަ ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލެވެ.

އެ އިންތިހާބުގައި193 ގައުމަކުން ވޯޓުގައި ބައިވެރިވި އެވެ.

މި ވޯޓުގައި ރައީސަކު ހޮވާފައި މި ވަނީ ސިއްރު ވޯޓަކުންނެވެ.

ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެން، އެ މަނިކުފާނު ދެއްވި ފުރަތަމަ ތަގުރީރުގައި ޝާހިދު ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް