އިރާނުގައި ބޭއްވި އިންތިހާބު ކާމިޔާބުކޮށް އެ ގައުމުގެ ރައީސް ކަމަށް ކޮންޒަވެޓިވް ކެންޑިޑޭޓް އިބްރާހިމް ރައިސީ އިންތިހާބު ވެއްޖެ އެވެ.
އެކަން މިހާރު ވަނީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި އެވެ. ރައިސީ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ތިން ކެންޑިޑޭޓުންނާއި ވާދަކޮށް 62 ޕަސެންޓުގެ ވޯޓުންނެވެ.
އިންތިހާބުގައި ރައިސީގައި ވާދަ ކުރެއްވީ ކޮންޒަވެޓިވްގެ އިތުރު ދެ ކެންޑިޑޭޓުން ކަމަށްވާ އާމިރު ހުސައިން ގާޒިދާ އަދި މުހްސިން ރިޒާއީ އާއި ރިފޯމިސްޓެއް ކަމަށްވާ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަބްދުލްނާސިރު ހިއްމަތީ އެވެ. ބަލި ގަބޫލު ކުރައްވާ އިއްޔެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން އެ ތިން ކެންޑިޑޭޓުންވަނީ ރައިސީއަށް މަރުހަބާ ކިޔާފައި އެވެ.
އިރާންގެ އިންތިހާބީ ރައީސް ރައިސީ އަކީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި މިހާރުގެ ރައީސް ހަސަން ރޫހާނީވެސް ތާއީދު ކުރައްވަނީ އޭނާ އަށެވެ.
އުމުރުން 60 އަހަރުގެ ރައިސީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓް މަހު އެވެ. އެންމެ ފަހުން އޭނާ ހުންނެވީ އިރާނުގެ ޖުޑިޝަރީގެ ވެރިޔާގެ މަގާމުގައި އެވެ. ރައިސީގެ ސިޔާސީ ހަހާޔް ފެށުނީ 1988 ވަނަ އަހަރު އެވެ.
އިރާނުން ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި 600 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ވާދަ ކުރުމުގެ ފުރުސަތު ހަތް ކެންޑިޑޭޓަކަށް ދިން ނަމަވެސް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް އޭގެ ތެރެއިން ތިން ބޭފުޅަކު ވަނީ ނަން ނަގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް