މިޝްކާގެ މަރުގެ ފައިނަލް ރިޕޯޓް: އަދި ކިހާ ދުވަހެއް ވާނެ!؟

02 ޖޫން 2021އަކީ ކޯވިޑް-19 ރޯގާގައި ދިވެހިރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ މަރުވި ހިތާމަވެރި ދުވަހެވެ.  އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވީ އެ ކުއްޖާގެ ހާލު މާ ބޮޑަށް ދެރަވ...

20 Jun 2021 | 06:12

02 ޖޫން 2021އަކީ ކޯވިޑް-19 ރޯގާގައި ދިވެހިރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ މަރުވި ހިތާމަވެރި ދުވަހެވެ.  އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވީ އެ ކުއްޖާގެ ހާލު މާ ބޮޑަށް ދެރަވެގެންނެވެ.

ދަރިފުޅުގެ ހާލު ގޯސްވުމުން އެމްބިއުލާންސްއަށް ގުޅައި އިންތިޒާރުގައި ތިން ގަޑިއިރަށް ވުރެ ގިނަ އިރު އާއިލާއިން ހޭދަކޮށްފައިވެ އެވެ. މިޝްކާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔާތާ އިރުތަކެއް ނުވެއެވެ. ކުއްޖާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އާއިލާ އިން ބުނެ އެވެ.

02 ޖޫން 2021ގެ ރޭ ނިމޭނެ ކަމަށް ބުނި ތަހުގީގު ލަސް!

މިޝްކާ މަރުވިތާ ގާތްގަނޑަށް 24 ގަޑިއިރު ފަހުން، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލައިގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި އެ ރޭ (02 ޖޫން 2021 ވަނަ ދުވަހުގެ ރޭ) އެ މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށާއި މަގާމުން އިސްތިއުފާ ދެއްވިޔަސް ދެއްވާނީ އެ މައްސަލަ ބެއްލެވުމަށް ފަހު ކަމަށް ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިޝްކާގެ ފަރުވާ ލަސްވުމުގައި އިހުމާލު އެބައޮތެވެ. އެކަމަކު އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެެ.

04 ޖޫން 2021 އައި އިރު ވެސް، މައްސަލައިގެ ތަހުގީގު ނުނިމުނު!

02 ޖޫން 2021 ވަނަ ދުވަހުގެ ރޭ ތަހުގީގު ނިންމައި ރިޕޯޓު އާންމުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، 04 ޖޫން 2021 އައި އިރު ވެސް، މައްސަލައިގެ ތަހުގީގު ނުނިންމުނެވެ. ބަހަނާއަކަށް ދެއްކީ، ބަލަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ. 04 ޖޫން 2021 ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، މިޝްކާ ނިޔާވުމާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަ ކަމަށާއި ގިނަ ކަންތައްތަކެއް ބަލަން ޖެހުމުން އިތުރު ވަގުތު ނަގާ ކަމަށެވެ."މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،" މިނިސްޓްރީގެ ޓުވީޓުގައި ވެ އެވެ.

04 ޖޫން 2021ގެ ރޭ ކަން ހިނގާ ދިޔަ ގޮތުގެ ރިވިއުއެއް އާންމު ކުރި!

ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވި އިރު ކަން ހިނގާ ދިޔަ ގޮތުގެ ރިވިއުއެއް ޖޫން 4 ވަނަ ދުވަހުގެ ރޭ ވަނީ އާންމުކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ރިވިއުގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

މިހެން ދިމާވުމުން، އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ 2 ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ވަނީ ފާހަގަވެފަ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަށް މައުލޫމާތު ލިބުމާ އެކު ވަގުތުން އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ވަނީ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިހުމާލެއް، އެކަމަކު މައްސަލަ ބަލައި ފިޔަވަޅު އެޅުން ވަނީ ލަސް!

ފަރުވާ ލިބުން ލަސްވެ، ކޯވިޑު-19ގައި މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އިހުމާލު އޮތްކަން ގަބޫލުކުރިއަސް އެ މައްސަލައިގައި އިހުމާލުވި އެއްވެސް މީހަކަށް އަދި ފިޔަވަޅެއް ނާޅަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމައި ފައިނަލް ރިޕޯޓް ވެސް އަދި ހާމަ ނުކުރެވެއެވެ.

މިކަން ލަސްވާ ސަބަބަބެއް މިނިސްޓްރީން ރައްޔިތުންނަށް އަދި ހާއްސަކޮށް މިޝްކާގެ އާއިލާއަށް ސާފުކޮށްދޭން ޖެހެއެވެ. މައްސަލަ ނުބެލި ލަސްވުމާއި ފިޔަވަޅު ނޭޅި ލަސްވުމަކީ ވެސް ހަމަ އިހުމާލެވެ. އަދި ކިހާ ދުވަހެއް ވާނެތޯއެވެ!؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް