ރ. ވާދޫގައި އާ އިންޖީނު ގެ އެޅުމުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދަނީ

ރ. ވާދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގޭގެ މަސައްކަތް ހަލުއިކޮށް ކުރިއަށް އެބަ ދެއެވެ. މި މަސައްކަތް މިހާރު ކުރިއަށް ގޮސްފައި ހިސާބަށް ބަލާއިރު، ބިންގާ އަޅައި ބައެއް ތަނބުތައް ވަނީ ނިމިފައެވެ...

20 Jun 2021 | 06:06

ރ. ވާދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގޭގެ މަސައްކަތް ހަލުއިކޮށް ކުރިއަށް އެބަ ދެއެވެ.

މި މަސައްކަތް މިހާރު ކުރިއަށް ގޮސްފައި ހިސާބަށް ބަލާއިރު، ބިންގާ އަޅައި ބައެއް ތަނބުތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އިތުރު ތަނބުތައް އެޅުމުގެ މަސައްކަތެވެ.

ވާދޫ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އެޅީ 21 މާރޗް 2021ގައެވެ. ބިންގާ އަޅާފައި ވަނީ އެކަމަށް ހާއްސަކޮށްގެން ވާދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

އެގޮތުން މި ހަފްލާގައި އެ އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.

މި އަހަރުގެ ތެރޭގައި ގިނަ ރަށްރަށެއްގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކުންފުނިތަކާ ހަވާލު ކުރަމުންނެވެ. މި ސަރުކާރު އައިފަހުން ފެނަކައިގެ އެމްޑީ ސައީދުގެ މޭސްތިރިކަމުގެ ދަށުން އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާ އިންޖީނުގެތަކާ އެކު އެރަށް ރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

މިހާރު އިންޖީނުގެތައް ހުރި ސަރަހައްދުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ރަށްތައް ވެސް އެބަތިއްބެވެ. ފެނަކައިން އަންނަނީ އެރަށް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބުތަކުގައި އެފަދަ ރަށްރަށުގައި އައު އިންޖީނުގެތައް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް