ދައުލަތުގެ އިހުމާލުން ފަރުވާ ނުދެވި 10 އަހަރުގެ މިޝްކާ މުހައްމަދު މަރުވުމާއި ގުޅިގެން ހެލްތް މިނިސްޓްރީން ތައްޔާރު ކުރި އެއްވެސް ރިޕޯޓެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިގެން ވެސް ހިއްސާނުކުރި ކަމަށް އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށެވެ.
އެގޮތުން، މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން ފުރަތަމަ ތައްޔާރުކުރި ރިވިއު ރިޕޯޓް ވެސް ރަސްމީކޮށް ކޮމިޝަނާ ހިއްސާކޮށްފައި ނުވާ ކަމަށާއި، ފަހުން ތައްޔާރު ކުރި ޑީޓެއިލް ރިޕޯޓް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ރިޕޯޓް ހޯދުމަށް އެޗްއާރުސީއެމްގެ ފަރާތުން ލިޔުމުން އެދިފައި ވާނެ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ހެލްތް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ރިޕޯޓުގެ ވާހަކަ ފާހަގަކުރެއްވުމުން، ހެލްތް މިނިސްޓަރ އަހުމަދު ނަސީމް، އެ ރިޕޯޓް ކޮމިޝަނަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު މޫމިނާ ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް ހެލްތް މިނިސްޓްރީން ރިޕޯޓް ހިއްސާކޮށްފައި ނުވެއެވެ.
މިނާ ވިދާޅުވީ އައިޖީއެމްއެޗުން މި މައްސަލައިގެ ރިވިއު ރިޕޯޓެއް އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި ނުހިމެނޭ ބައެއް އެހެން މައުލޫމާތުތައް ހޯދުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ. އައިޖީެމްއެޗްގެ ރިވިއު ރިޕޯޓް 13 ޖޫންގައި ލިބުނު ފަހުން އިތުރު މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ މައުލޫމާތު ވެސް އައިޖީއެމްއެޗްއިން އަދިވެސް ނުދޭ ކަމަށާއި، މައުލޫމާތު ހޯދަން އަވަސްކުރަން ސިޓީ ފޮނުވާފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ.
މިޝްކާއަކީ ދިވެހިރާއްޖޭން ކޯވިޑް-19 ބަލީގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. އަދި ފުރަތަމަ މި ބަލީގައި ނިޔާވި ކުޑަކުއްޖާ ވެސް މެއެވެ.
ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމަށް އެމްބިޔުލަންސް އެކްޓިވޭޓްކޮށްފައިވަނީ އެމްބިޔުލަންސް ފޮނުވުމަށް ކުއްޖާގެ ބެލެނިވެރިޔާ އެތައް ފަހަރަކު ކޯލް ސެންޓަރަށް ގުޅައިގެން ވެސް އެމްބިޔުލަންސް ނައިސްގެން ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަ ފަހަުން ކަމަށް އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ހަދާފައިވާ ރިވިއު ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް