މި މަހުގެ 28 ވަނަ ދުވަހު ފްރާންސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ގައުމުގެ މުނިސިޕަލް އިންތިހާބުގައި އެންމެ ބޮޑު މަގްބޫލުކަމެއް މިހާރު ލިބެމުން އަންނަނީ މި ކެނޑިޑޭޓަށެވެ.
ނަމަކީ ސާރާ ޒެއްމާހީ އެވެ. އުމުރަކީ 26 އަހަރެވެ. މިހާރު އަދާކުރާ ވަޒީފާއަކީ ލެބް ޓެކްނީޝަނެއްގެ ވަޒީފާއެވެ.
ސާރާގެ ނަމާއި އޭނާގެ ކެމްޕޭނުގެ ވާހަކަ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރާފައިމިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ބުރުގާ އަޅައިގެން ހުރެ ފްރާންސުގެ ސިޔާސީ މަސްރަހަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސާރާ ސާބިތު ކަމާއެކު ކުރަމުން އަންނަ ކެމްޕޭނާއި ގުޅިގެންނެވެ.
ސާރާ ކުރިމަތިލަނ ފްރާންސުގެ މޮންޓްޕެލިއާ ސިޓީގެ ދެކުނު ސަރަހައްދުގެ ކައުންސިލަރުގެ މަގާމަށެވެ. ސާރާ އެންމެ ފުރަތަމަ އެ މަގާމަށް ކުރިމަތިލީ އެގައުމުގެ ރައީސް އިމަނުއަލް މެކްރޯންގެ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް އެ ޓިކެޓު އޭނާގެ އަތުން އަތުލައި ޕާޓީގެ ސަޕޯޓް އަނބުރާ ގެންގޮސްފައިވަނީ އޭނާގެ ކެމްޕޭނު ޕޯސްޓަރެއްގައި ބުރުގާ އަޅައިގެން ހުރުމުންނެވެ. ޕާޓީގެ ޓިކެޓު އަތުލުމަށްފަހު އެ ޕާޓީން ބުނެފައިވަނީ ކެމްޕޭނުގައި ދީނީ ސިފައެއް ގެނެވިގެން ނުވާނެ ކަމަށެވެ.
ޕާޓީގެ ސަޕޯޓު އަނބުރާ ގެންދިއުމުން ސާރާ މިހާރު އެ މަގާމަށް ކުރިމަތިލަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭނާގެ ކެމްޕޭނު މިހާރު ވަރަށް ފޯރިއާއެކު ކުރިއަށްގެންދަނީ ފްރާންސުގެ މުސްލިމް މުޅި ކޮމިއުޓީީގެ ސަޕޯޓާއި އެކުގައެވެ.
ސާރާ އެ މަގާމު ކާމިޔާބުކޮށްފިނަމަ މިކަން ވެގެންދާނީ އެ ގައުމުގައި މުސްލިމު ކޮމިއުނިޓީއަށް ިލިބޭ ބޮޑު ކުރިއެރުމަކަށެވެ. އަދި ތާރީހު ބަދަލުވެގެންދާނެ ކާމިޔާބަކަށެވެ.
ފްރާންސަކީ މުސްލިމުންނާއިމެދު އަބަދުވެސް ވަރަށް އިހާނެތިކޮށް ކަންކުރާ ގައުމެއްގެ ގޮތުަގއި ސިފަ ކުރެވޭ ގައުމެކެވެ. މުސްލިމު ކޮމިއުނީޓީއާއި އެ ގައުމުގެ އެހެން ދީންތަކުގެ ކޮމިއުނިޓީތަކާއި ދެމެދު އަބަދުވެސް ހަމަނުޖެހުންތައް ހިނގަމުން ދެއެވެ.
ބުރުގާ އަކީ އަދި ހާއްސަ ގޮތެއްގައި އެ ގައުމުން ބިރުގަންނަ އެއްޗަކަށް އޮންނަނީ ވެފައެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެންދަނީ މި ފަހުން ބުރުގަލާއި ގުޅޭ ގޮތުން އެ ގައުމުގެ ގާނޫނު އަސާސީއަށް ގެންނަން އުޅުނު އިސްލާހުތަކުންނެވެ. އެ އިސްލާހުތަކުގައިވާގޮތުގައި އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބުރުގާ އަޅުވައިގެން ނުވާނެއެވެ. ސްކޫލު ދަރިވަރުން ސްކޫލުގެ ދަތުރުތަކުގައި ދާއިރު އެކުގައި ދާ ބެލެނިވެރިއަކުވެސް ބުރުގާ އަޅައިގެން ނުވާނެއެވެ. ނަމަވެސް މި އިސްލާހުތައް އަދި ގާނޫނަކަށް ވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް