ރާއްޖޭގައި ދޭތެރެއަކުން ބިދޭސީންގެ ފަރާތުން ހިނގާ ނޭދެވޭ އަމަލުތަކުގެ ވާހަކަ ދައްކާއިރު އެއަށްވުރެ ބޮޑަށް ދިވެހިންގެ ފަރާތުން އަނިޔާ ބިދޭސީންނަށް ނުލިބޭތޯއެވެ؟. އަނިޔާއަކީ ހަމަ އެކަނި މީހަކު މަރާލުންތޯއެވެ. ތެދެކެވެ. އެއީ އެންމެ ބޮޑު އެއް ޖަރީމާއެވެ. އެފަދަ ޖަރީމާތަކަށް ޙައްޤު އަދަބު ލިބެންޖެހެއެވެ.
އެހެންނަމަވެސް ކުށެއް ނުކޮށް ރީތިކޮށް ރަށެއްގައި އުޅެމުންދާ އެހެން ބިދޭސީންނަށް އެތަނެއްގައި އުޅޭ ބިދޭސީ އަކު ކުރާ ކުށެއްގެ ބަދަލުގައި އަނިޔާ ލިބެން ޖެހޭތޯއެވެ. އެތާ އުޅޭ އެހެން ބައެއްގެ މިނިވަންކަން ނިގުޅައި ގަނެވުން މިއީ ހަމަޖެހޭ ކަމެއްތޯއެވެ. މިހެންގޮސް މަސް ބޭނުންފަދަ ކަންކަންވެސް މަނާކުރުން މިއީ އަޅެ ކޮން މިންގަނޑަކުން ކުށާއި ގުޅޭ ކަމެއްތޯއެވެ. މާދަމާ ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިންނަށް މިފަދަ ގަވާއިދުތަކެއް ހަދައިފިނަމަ ދިވެހިން އެކަންކަމަށް މަރުހަބާ ކިޔާނަންތޯއެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުގެ އަމިއްލަ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެކެވެ. ހާލަތު ބަދަލެއް ނުވެއެވެ. އެހެންކަމުން މި ލިޔުން ކިޔުންތެރިނަށް ހިއްސާކޮށްލަމެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެން މަޖްބޫރުކުރީ ކުންފުނިތަކުންނެވެ. އަޅުގަނޑު މި ބުނަނީ ދިވެހި ހުރިހާ ކުންފުނިތަކާއި ވިޔަފާރިވެރިންގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ދިވެހިންގެ ގިނަ ކުންފުނިތަކުގެ ވާހަކައެވެ. އެމީހުންނާއި މެދު ރަނގަޅަށް އަމަލުކުރާ ވަރަށް ރަނގަޅު ކުންފުނިތަކާއި ވިޔަފާރިވެރިންވެސް އެބަތިއްބެވެ.
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރި އެއްބައިވަންތަ އެކުވެރި ރައްޔިތެއްއުޅޭ ޤައުމެއްގެ ގޮތުގައެވެ. ގައުމަށް އެކި ބޭނުންތަކުގައި އަންނަ އެކިފަރާތްތަކަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައެވެ. ކޮންމެ މީހަކާވެސް ހިނިތުންވުމާއިއެކު ވާހަކަދައްކާ ހިތްހެޔޮބައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މިކަންފާހަގަކުރަނީ ޗުއްޓީ ހޭދަކޮށްލަން ނުވަތަ ވިޔަފާރީގެ މަސައްކަތުގައި ހުޅަނގުގެ ޤައުމުތަކުން އަންނަ މީހުންނެވެ. ވާނީވެސް އެހެންތާއެވެ. އެފަރާތްތަކާއި މެދު ދިވެހިން އަމަލުކުރަނީ އެބައިމީހުންގެ ރުހުމާއި ގާތްކަމާއި ތަޢުރީފް އެންމެ ބޮޑަށް ލިބޭނޭފަދަގޮތަށެވެ. ރާއްޖޭގެ ޖީޑީޕީގެ %28 ހިއްސާކުރާ ޓުއަރިޒަމްދާއިރާއަކީ ބިދޭސީން ގެ ބޮޑުބައެއް ހިއްސާވާ ދާއިރާއެކެވެ. ގިނައަދަދަކަށް ކޮންމެ ދުވަހަކުބިދޭސީން އައިސް ގޮސްއުޅެއެވެ. މިފަދަ ގިނަފަރާތްތަކުން ރާއްޖެދޫކޮށްދަނީ ދެވަނަފަހަރަށް ރާއްޖެއައުމުގެ އުންމީދުގައެވެ. ދިވެހިން އެފަރާތްތަކާއިމެދު ބަހައްޓާ ގާތްގުޅުން ފާހަގަކޮށް ތަޢުރީފްކުރަމުންނެވެ. މިފަދަ ކަންކަމުގައި ރާއްޖެ އަންނަފަރާތްތަކާއި މެދުގައި ދިވެހިން ކަންތައްކުރަމުން އަންނަގޮތްކަމުގައި ވިއަސް މަސައްކަތް ކުރުމަށް އަންނަފަރާތްތަކާއި މެދުގައި ދިވެހިންގެ ގިނަބަޔަކު ވަރަށްބޮޑަށް އިޙާނެތިކޮން ހިތާކަން ފާހަގަކުރެއެވެ
ތިން ލައްކަ ދިވެހިންނަށް އެއްލައްކަ ބިދޭސީންގެ “މުސީބާތް” މިއީ ދިވެހި އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ސުރުހީއެވެ. ދިވެހިރާއްޖޭގައި ބިދޭސީންނާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކުގައި އާންމުކޮށް ހުރީ މިފަދަ އިބާރާތްތަކުން ހުސްވެ އެމީހުންގެ ކުށްދެކުމުގެ ގޮތުން ލިޔެފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ހުރިހާ ވަޒީފާއެއްގައި އެމީހުން އުޅޭ ވާހަކައެވެ. އެމީހުން ކުށްކުރާ ވާހަކައެވެ. އެމީހުން ގެނައި މީހުންނާއި އެމީހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެން މަޖްބޫރުކުރި މީހުންގެ ވާހަކަ ދަށްކާ ލިޔެ ހަދާ މީހަކު މަދެވެ. އެއީ ވިޔަފާރި ވެރިންނާއި ކޮންސްޓަރަކްޝަން މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންގެ ބޮޑު ސިއްރެވެ. .އަޅުގަނޑުވެސް އެކި ފަހަރުމަތިން އެތައް ހާސް ބިދޭސީންނާއި ވާހަކަ ދަށްކާ ސުވާލުކޮށްފީމެވެ. ބިދޭސީންނަށް ރާއްޖޭގައި ދިވެހި ކުންފުނިތަކާއި ގުރޫޕްތަކުން ހަދާ އިހާނެތިގޮތްތައް އެތަކެއް ފަހަރު ލޮލުން ދުށީމެވެ. އެބައި މީހުންނާއި މެދު ޖަނަވާރުންނަށްވުރެ ދެރަގޮތްތަކަށް އަމަލުކުރުމުގެ އެތަކެއް ހާދިޘާ ހިނގީ ހަމަ އަޅުގަނޑުގެ ކުރިމަތީގައެވެ.
ރާއްޖޭގެ ބޮޑުބައެއް ހިއްސާވާ ކޮންސްޓްރަކްޝަން ދާއިރާއާ ރިސޯޓްތަކުގެ ބައެއް ވަޒީފާތަކާއި ޞިއްޙީ ދާއިރާގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމައް ރާއްޖޭގައި 160،000 ބިދޭސީން އުޅެއެވެ. މީ ގައުމުގެ އާބާދީގެ ނިސްބަތުން ވަރަށްވެސް ބޮޑުއަދަދެކެވެ. ރާއްޖޭގެ 396,334 މީހުން އުޅޭއިރު 160،000 ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަކީ މިއަދު ކޮންމެ ދިވެއްސަކުވެސް ކަންބޮޑުވާންޖެހޭފަދަ މައްސަލައެކެވެ. ރާއްޖޭގައި ގިނަބަޔަކު ވަޒީފާގެ ފުރުސަތު ނެތި މަގުމައްޗައް ގިނަވަމުންދާއިރު ދުވަހަކަށްވުރެ ދުވަހެއް މަސައްކަތްކުރާ ބިދޭސީން އަންނަނީ ރާއްޖޭގައި ގިނަވަމުންނެވެ. އަދި މީގެ ތެރޭގައި އެތައްހާސް ބަޔަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ މީހުންކަމަށް ގިނަފަރާތްތަކަކުންދަނީ ބުނަމުންނެވެ. ސިޔާސީ ޕޯޑިއަމްތަކުގަޔާއި ތަފާތު ޖަލްސާތަކުގައި އަދި މަގުތަކުންނާއި ކެފޭ، ބާޒާރުފަދަ ތަންތަނުންވެސް އިވެމުންދާ އެއް އަޑަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެވާހަކައެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފައް މަސައްކަތްކުރާ ބިދޭސީން ގިނަވަމުންދާކަން ފާހަގަކުރެވި ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވާންދިމާވާ އަސްލު ސަބަބު އެނގެނީ ކިތައްމީހުނައްބާއެވެ. ބިދޭސީން މަގުމައްޗައް ނުކުމެ ބްލެކް މާރކެޓްގައި މަސައްކަތްކުރަންޖެހެނީ ކޮންސަބަބުތަކަކާއި ހުރެތޯއެވެ. އެމީހުން ދިވެހިރާއްޖެއައް އަންނަނީ ހަމަ ގަވާއިދާއި ޚިލާފައް މަސައްކަތްކުރަންބާއެވެ. މީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބުތަކާއި މެދު ވިސްނާލަމާ ހިނގާށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން ގަވާއިދާ ހިލާފައް މަސައްކަތްކުރުމުގެ މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއިންނެވެ. ރާއްޖޭގައި އެދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ ބަނގުލަދޭސް ،އިންޑިޔާ އައް ނިސްބަތްވާފަރާތްތަކެވެ. އެހެންނަމަވެސް އިލެކްޓްރޯނިކް މަސައްކަތާއި ފައިބަރ، އިންޖިނިއަރިން ފަދަ މަސައްކަތްތައްކުރުމަށް އިންޑޮނޭސިއާ، ޕިލިޕީންސް، ލަންކާ ފަދަ ގައުމުތަކުގެ މީހުން އުޅެއެވެ. އަދި ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކުގައި އިންޑޮނޭސިއާ ،ލަންކާ، ބަނގުލަދޭސް، އިންޑިއާ، ފަދަ ގައުމުތަކުގެ މީހުން މަސައްކަތްކުރަމުންދެއެވެ. އެހެންނަމަވެސް ކޮންސްޓްރަކްޝަން ދައިރާ ފިޔަވާ މި ބަޔާންކުރެވުނު ދާއިރާތަކުގައި މަދުފަހަރަކު ނޫނީ އެފަދަ މައްސަލަތައް ދިމާނުވެއެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާގައި މަސައްކަތް ކުރާ ގިނަފަރާތްތަކަކީ ކޮންމެސް ކުންފުންޏަކުން މަސައްކަތްކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމައްފަހު ގެންނަ މީހުންނެވެ. ނަމަވެސް ބައެއްފަހަރަށް ޓްއަރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތްކުރަމުންދާ މީހުންވެސް އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތަށް މަސައްކަތް ކުރުމަށް ޓުއަރިސްޓް ވިސާގައި އާންމުކޮށް އަންނަނީ ލަންކާ، ބަނގުލަދޭސް،އިންޑިއާ ފަދަ ގައުމުތަކުގެ މީހުންނެވެ. އެމީހުން ރާއްޖެއަންނަނީ ރާއްޖޭގައި މަސައްކަތްކުރަން އުޅޭ އެގައުމުތަކުގެ މީހުންނާއި ގުޅިގެންނެވެ. އަދި އެމީހުން ރާއްޖެއައުމަށްފަހު ރިސޯޓްތަކުގައި ކޮންސްޓްރެކްޝަން މަސައްކަތްކުރާފަރާތްތަކާއި، ރަށްރަށުގައި އެފަދަ މަސައްކަތްކުރާ މީހުންނާއި ގުޅިގެން މަސައްކަތްކުރެއެވެ. ބައެއްމީހުން މާލޭން އެގައުމުތަކުގެ މީހުންނާއި ގުޅިގެން ބްލެކްމާރކެޓްގައި މަސައްކަތްކޮށް ފައިސާ ހޯދަމުންދެއެވެ.
ރާއްޖޭގައި މަސައްކަތްކުރުމަށް ގަވާއިދާއި އެއްގޮތަށް އަންނަފަރާތްތައް ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް މެދުވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެފަދަ ކޮންމެ މީހަކުވެސް ރާއްޖެއަންނަނީ ދިރިއުޅުމަށްޓަކައި އެމީހުންގެ އަނބިދަރީންނާއި މައިންބަފައިން ބެލެހެއްޓުމަށްޓަކައި ފައިސާ ހޯދޭނެ މަގެއް ގައުމުން ނުލިބުމުން ރާއްޖޭން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ފައިސާލިބޭނެކަމުގެ އުންމީދުގައެވެ. ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ފަހިވެފައި ނުވާ މީމީހުން ރާއްޖެގެންނަ ފަރާތުން ގިނަފަހަރަށް ފައިސާކޮޅު ނުދީ ގިނަ ދުވަސްތަކެއްވަންދެން ހިފަހައްޓައެވެ. ގިނަފަހަރަށް 8 މަސް ނުވަތަ އަހަރަކާއި ގާތްވާއިރުވެސް މުސާރަނުދީ ހިފަހައްޓައެވެ. އަދި އެހާ ގިނަދުވަހު މަސައްކަތްކުރުވާފަ 1 މަހުގެ މުސާރަދީފައި އިތުރު މުސާރައެއް ގިނަ މީހުންނަކަށް ނުލިބެއެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ރާއްޖޭގައި އުޅުމަކީ ނުހަނު ދަތިކަމަކަށްވެއެވެ. އެހެންނަމަވެސް ރާއްޖެދޫކޮށް އަނބުރާ ޤައުމަށްދިއުމަކީވެސް ދަތިކަމަކަށްވެއެވެ. ގިނަމީހުން އެބައިމީހުން އާއިލާއާ ގުޅޭނެ ގޮތެއްނެތި މާޔޫސްކަމުގައި މަސައްކަތްކުރަމުންދެއެވެ. ގިނަފަހަރަށް މުސާރަ ނުލިބުމުން ސަކުވާކުރުމުން އެމީހުން މުސާރަނުދީ ފޮނުވާލުމަކީ އާންމުކަމެކެވެ. މިގޮތަށް ފޮނުވާލުމުން ގިނަފަހަރަށް އަތުގައި އެއްވެސް މިންވަރަކަށްފައިސާ ނުހުރެއެވެ. އެހެންކަމުން ބްލެކްމާރކެޓްގައި މަސައްކަތްކުރުމަށް މަޖުބޫރުވާތަން އާދެއެވެ. ބިދޭސީ މަސައްކަތު މީހުންނަކީވެސް ހަމަ އިންސާނުންނެވެ. އެމީހުންނަށްވެސް ބަނޑުފުރާ މުއްތިކޮށްގެން ނޫނީ ދުނިޔޭގައި ނޫޅެވޭނެއެވެ.
މަސައްކަތްކުރާ ކޮންމެ މީހަކީވެސް އާންމުދަނީއެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރާމީހެކެވެ. ފުދިގެން އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. ކޮންމެ އިންސާނަކީވެސް ކުރާމަސައްކަތުގެ މުސާރަ ނުލިބޭނަމަ މާޔޫސްވާނޭ މީހެކެވެ. ހަމަ އެފަދައިން މަސައްކަތްކުރުވާފަރާތްދެކެ ރުޅިއަންނާނެއެވެ. ނިކަން ވިސްނާލަމާ ހިނގާށެވެ. މުސާރަ ކުޑަވެގެން ސަކުވާކޮށް މުޒާހަރަތައް ދުނިޔޭގެ އެތަކެއް ގައުމެއްގައި ކުރަމުންދެއެވެ. މި ގޮތުން ރާއްޖޭގައިވެސް ސިވިލްސާރވީސް މުވައްޒަފުންގެ މުސާރަކުޑަކުރުމުން ކަންތައްތައް ވެގެން އައިގޮތް ހަމަކޮންމެ ދިވެއްސަކަށްވެސް އެނގޭނެވެ. މުޒާހަރާތައްކޮށް އިހުތިޖާޖްކުރުމުގެ ގޮތުން އެތަކެއް އެއްވުމެއްބޭއްވިއެވެ. އެތަކެއް ޓީވީ ޕުރޮގުރާމްތަކެއްގައި އެވާހަކަތަށް ގޮވަމުންދިޔައެވެ. މީ ދިވެހިންގެ ގިނަބަޔަކު މުސާރައިން ބައެއް ކުޑަވުމުން ކުރަމުންއައި ކަންތައްތަކެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން މުސާރަ ހަމަޔަށް ލިބިގެން ޤައުމަށް ފޮނުވެނީ ވަރަށްމަދު މީހަކަށެވެ. މީ ކަންތައްތައް ހިނގަމުންއަންނަގޮތެވެ. ގަވާއިދަށް ޚިލާފަށް ބިދޭސީން މަސައްކަތްކުރުމަށް މެދުވެރިވާ އެންމެ ބޮޑުސަބަބެވެ. އެހެންނަމަވެސް ބިދޭސީންގިނަވަމުން ދާވާހަކައާއި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ވާހަކަތަށް ސިޔާސީ ޕޯޑިއަމްތަކުގައި އަދި ޓީވީ ޕުރޮގުރާމްތަކުގައި ހާމަކުރަމުންދާ ފަރާތްތަކުން މިމައްސަލަތައް މެދުވެރިވާ އަސްލުސަބަބާއި މެދު ވިސްނާލާތޯއެވެ. އެމީހުންނަކީވެސް އިންސާނުންނެވެ. ޖަނަވާރުންނެއް ނޫނެވެ. އެހެނީ އެބައި މީހުންނަކީވެސް ޙައްގުތަކެއް ލިބެންޖޭނޭބައެކެވެ.
ބިދޭސީންނަކީވެސް ރާއްޖޭގައި މަސައްކަތްކުރިކަމުގައިވިޔަސް ޙައްގުތަށްލިބެންޖެހޭނޭބައެކެވެ. އަދި ރާއްޖެއަކީ ބައިނަލްއަޤުވާމީ ލޭބާރ އޮގަނައިޒޭޝަން(އައި.އެލް.އޯ)ގެ މެންބަރުގައުމެކެވެ. އަދި އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެހާ މުޢާހަދާތަކާއި ގަރާރުތަކުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މަސައްކަތުމީހަކީވެސް މަސައްކަތު މީހަކަށް ލިބިދޭންޖެހޭނެ އެންމެހާ ޙައްޤުތަށް ލިބެންޖެހޭނޭ މީހެކެވެ. އެމީހެއްގެ ކުލަޔަށް އަދި ގައުމަށް ބެލޭނެ ޖާގައެއްނެތެވެ. ރާއްޖޭގައި މިފަދަ ގޮތަކަށް އެންމެ ބޮޑަށް އަމަލުކުރެވެމުންއަންނީ ޚާއްޞަގޮތެއްގައި ބަނގުލަދޭސް މީހުންނަށެވެ. ބައެއްފަރާތްތަކުން ފަހަރެއްގައި މިލިއުމަކީ ބިދޭސީންރާއްޖެ ގެނައުން ގިނަކުރަން ބާރުލާފަ ދިވެހިން ކުއްވެރިކުރާ ލިއުމެއް ގޮތުގައި ހީވެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ ކުށްހީއެކެވެ. ބިދޭސީން ގެންނަކަމަށްވާނަމަ އެގެންނަ ބަޔަކަށް ދޭންވާ ޙައްޤު އުޖޫރަ ދޭންޖެހޭނެއެވެ. އެހެންނޫންނަމަ އެކަމަކީ ﷲ ގެ ހަސްރަތުގައި ޖަވާބުދާރީންވާންޖެހޭދުވަހު އެމީހަކު ހިތާމަކުރަންޖެހޭ ކެމެކެވެ. ހަމަ ދެދުނިޔޭގައިވެސް އެފަދަފަރާތްތަކަށް އެކަމުގެ ނަތީޖާ ދައްކާވާނެއެވެ.
އެމެރިކާގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގެ “ޓިއާ 2” ގައި ރާއްޖެ އޮންނަތާ ތިންއަހަރުވެއްޖެއެވެ. އެ ވޮޗްލިސްޓްގެ 3 ވަނައަށް ރާއްޖެ ވެއްޓިއްޖެނަމަ ރާއްޖޭގެ ނަން ކިލަނބުވެ މުޅި ގައުމަށް އޭގެ ލަދުވެތި ކަމާއި ގެއްލުން ކުރިމަތިވާނެއެވެ. ހަމަ އެހެންމެ ބޭރުގެ ލޯންތަކާއި އެހީތަށް ހޯދުމުގައި އެތައް ގުނަޔަކަށް ދަތިވެ އުނދަގޫވެގެން ދާނެއެވެ.
ބިދޭސީންނަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާއާ އެހެންދާއިރާތަކުގައި ބިދޭސީންނާ މެދު ވަރަށް އިހާނެތިކޮށް ހިތާކަން ފާހަގަކުރެވެއެވެ. ފަހަރެއްގައި އާންމުނަށް މިފަދަ ކަންތައްތައް ހިނގަމުންއަންނަ ގޮތް ނޭގިދާނެއެވެ. އެހެންނަމަވެސް މީ ހަމަ ޙަގީގަތެވެ. އަޅުގަނޑު މިހެން މިބުނަނީ މިފަދަ މަންޒަރުތަށް ކުރިމަތީގައި ފެނިފައި ހުރީމައެވެ. ރަށެއް ރިސޯޓަކަށް ހެދުމުގެ މަސައްކަތްކުރަމުން ދިޔަދުވަސްވަރު ފުޅާކޮށް ބިދޭސީންގެނެސް މަސައްކަތްކުރަމުންދިޔަ ގުރޫޕެއްގެ ވެރިޔަކު އަށް މަސްދުވަސް ވަންދެން މުސާރަ ނުދީހިފެހްޓިއެވެ. އޭގެ ސަބަބުން އެފަރާތުން މަސައްކަތްކުރުމަށް ގެންގުޅުނު 30 ވަރަކަށް ބިދޭސީން ސަކުވާކުރަންފެށުމުން ބައްދަލުވުމެއް ބޭއްވުމަށްފަހު ވަރަށް ހަޑިބަހުން ވާހަކަދަށްކާފައި އެމީހުން އަށް މަސްވަންދެންކުރި ބުރަމަސައްކަތަށް އެއް ރުފިޔާގެ މިންވަރުވެސް ނުދީ ފޮނުވާލިއެވެ. ދެން ނިކަންވިސްލަމާތޯއެވެ. އެމީހުނަށް ދެން ކުރެވޭނީ ކޮންކަމެއްބާއެވެ. ދެން އެއްކަލަ ބިދޭސީ މީހާ އަށް މަޖުބޫރުވަނީ ބްލެކްމާރކެޓްގައި މަސައްކަތްކުރުމެވެ. އެފަހަރު އެފޮނުވާލި މީހުންތައް މާގިނަ ދުވަހެއްނުވެ ގަވާއިދާއި ހިލާފަށް އެހެން މީހަކާއި އެކުގައި ހަމަ އެރިސޯޓަށް އައިސް މަސައްކަތްކުރަންފެށިއެވެ. ދެވަނަ ފަހަރަށް އެބިދޭސީން ގެނައި ފަރާތުންވެސް މުސާރަ ނުދީ އެމީހުން ފޮނުވާލިއެވެ. މިފަދައިން އެފަރާތުން ފައިސާނުދީ ފޮނުވާލީ ހަމަ އެކަނި އެފަހަރު ފޮނުވާލި 30 މީހުންނެއްނޫނެވެ. މިގޮތަށް އެތަކެއް ރިސޯޓެއްގައި ބިދޭސީން ގެނައުމަށްފަހު ފައިސާ ނުދީ ފޮނުވާލާފައިވެއެވެ. އެއްބަޔަކަށް ފައިސާ ނުދީ ފޮނުވާލުމަށްފަހު ދެވަނަ ބަޔަކު ގެނެއެވެ. މީ ހަމަ އެކަނި މި ބަޔާންކުރެވުނު ފަރާތުން ބިދޭސީންނާއި މެދުގައި ކަންތައް ކުރަމުންއަންނަ ގޮތެއް ނޫނެވެ. އަދި ކިއެއްތަ އެފަދަ ކުންފުނިތަކާއި ގުރޫޕުތަށްހަދައިގެން އަދިވެސް އެހެނިހެން މަސައްކަތްކުރުމަށް ބިދޭސީންގެންގުޅޭ ގިނަފަރާތްތަކުން އަމަލުކުރާގޮތެވެ.
ބިދޭސީންނަށް މުސާރަ ނުދީ ފޮނުވާލުމުގައި ފާޅުގައި ޒުވާބުކޮށް އެއްޗެތިކިޔުމަށްފަހު ފޮނުވާލުމާއި މާލެ ގޮސް މުސާރަދޭނެކަމަށް ބުނެ މާލެ ފޮނުވާލައެވެ. އަދި މާލެ ފޮނުވާލުމަށްފަހު އެމީހާ ފައިސާ ހޯދުމަށް ގުޅީމަ ފޯނު ނުނަގައެވެ. އަނެއްބައިފަހަރަށް ފައިސާނުދިނީމަ ނުދާނެކަމަށް ބުނެ ރޮއި އާދޭސްކުރަނިކޮށް ” ކަލެއައް ދޭންޖެހޭ ފައިސާއެއް ނުހުންނާނެ، ” ރިސޯޓްހަދާ ކުންފުނިން ފައިސާއެއް ނުދެ” މިފަދަ އިބާރާއްތަކުން ޖަވާބުދެއެވެ. އަދި އެމީހުންގެ ފޮށިތަންމަތި ގޭންބޭރަށް އެއްލާލައެވެ. ކެއުމާއި ނިދުމުން މަޙުރޫމުކޮށް ބާކީ ކޮށްލައެވެ. މީ އެތަކެއް މިލިއަން ރުފިޔާގެ ބޮޑެތި ޕުރޮޖެކްޓްތަށް ނަގައިގެން މަސައްކަތު މީހުންނާއިމެދުގައި ކަންތައްކުރަމުންދާގޮތެވެ. އެހެންނަމަވެސް ބުލެކް މާރކެޓްގައި ބިދޭސީން މަސައްކަތްކުރާ މައްސަލައިގައި އަބަދުވެސް ކުއްވެރިވަނީ ބިދޭސީންނެވެ. އެއްފަހަރުވެސް އެފަދަ މައްސަލަތައް ގިނަވަނީ މިމައްސަލަތަކާއިހުރެކަން ފާހަގަނުކުރެއެވެ.
އެތަށް މިލިއަން ރުފިޔާއެއްގެ ބޮޑެތި ޕުރޮޖެޓްތައް ނިންމާފައި މާލޭން ބޮޑެތި ގެދޮރުގަނެ ލޯންޗުފަހަރާއި ކަންނެލި ދޯނިފަހަރުގަނެގެން ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮންނައިރު ހަމަ ހިތަށްއެއްޗެއްނާރަނީ ބާއެވެ. އެފަދަ މީހުންގެ ސަބަބުން އެތަކެއްބައެއްގެ ހައްގު ގެއްލެމުންދާއިރު ހިތުގައި ކުޑަނަމަވެސް ރަޙުމެއް ހަމްދަރުދީއެއް ނެތީބާއެވެ. އެމީހުންނަށް ފައިސާކޮޅު ނުލިބުމުން ޖެހޭނެ ދަތިހާލު ހަމަ އިހުސާސް ނުވަނީބާއެވެ. އެފަދަ ފަރާތްތަކުގެ ސަބަބުން ދިވެހިން ކުރަން ހުންނަ އެތަށް މަސައްކަތެއް ގެއްލި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ މީހުން ގިނަވެ އޭގެ ސަބަބުން އިޖްތިމާޢީ އިޤްތިޞާދީ އެތަކެއް ގެއްލުމެއްއަންނަނީ ކުރިމަތިވަމުންނެވެ. ބިދޭސީންގެ މައްސަލަ ހަމަ އެކަނި އެމީހުން ގަވާއިދާ ހިލާފަށް އުޅޭކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. އެމީހުންގެ ސަބަބުން އިޖްތިމާއީ މައްސަލަތަށް ބޮޑުވެ ގައުމު ހަލާކުވާކަމަށް ބުނެ އެމީހުން ޑީޕޯރޓްކުރުން އެއީވެސް ހަމަ އެކަން ހައްލުވާ އޮތް މަގެއް ނޫނެވެ. ހަމަ އެހެންމެ އެކަން ހައްލުވާން އޮތީ އެބައި މީހުން ގެނެސް މުސާރަ ނުދީ މަގުމަތިކުރި ވިޔަފާރިވެރިންނާއި އެޖެންސީތަކުގެ ވެރިންނާއި މެދު ފިޔަވަޅު އަޅާ ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދީގެންނެވެ. ކުށް ކުރާ މީހާ ހައްޔަރުކޮށްފައި ކުށްކުރަން މަޖްބޫރުކުރި ފަރާތް ދެވަނަ ފަހަރަށް ހަމަ އެ ކުށް ކުރަން ދޫކޮށްލައިގެން ބިދޭސީންގެ މައްސަލަޔަކަށް ހަލެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް