ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން 50 އަހަރަށް އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ޙިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ހެދުމަށްޓަކައި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް...

19 Jun 2017 | 21:03

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ޙިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ހެދުމަށްޓަކައި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) އާ ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އެންއައިއައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިސަލް ހާން އެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން، ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެކަމަށެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން، ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެއެވެ. ޒަމާނީ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ނޫރުލް އިސްލާމް ކުންފުނިންނެވެ.

އެ ހޮސްޕިޓަލުގެ ހިންގުމާއި ރަސްމީކޮށް އެ ކުންފުނިން ހަވާލުވާނީ 10 ޖުލައިގަ އެވެ. މި ކުންފުންޏާއި ހޮސްޕިޓަލުގެ ހިންގުން ހަވާލުކޮށްފައިވަނީ 50 އަހަރަށެވެ.

އެންއައިއައި އަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ހޯދަން ޓްރިވެންޑްރަމްގައި ދަ އެއް ހޮސްޕިޓަލްކަމަށްވާ ނިމްސް ހިންގާ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް