އީރާނުގެ އަޒަރްބައިޖާނުގައި ހިނގި ހެލިކޮޕްޓަރު ހާދިސާގައި އެ ގައުމުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވެފައިވާކަން އެ ގައުމުގެ ރަސްމީ މީޑިއާ އޭޖެންސީން އިއުލާނުކޮށްފިއެވެ.
ހެލިކޮޕްޓަރުގެ ހާދިސާ ހިނގީ ރާއްޖޭ ގަޑިން ބަލާނަމަ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަކީ އެ ވަގުތު މޫސުން ވަރަށް ގޯސް ވަގުތެއްކަމުން ސަލާމަތީ ޓީމުތަކަށް އެ ސަރަހައްދަށް ދަތުރުކުރެވުނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި އެ ސަރަހައްދު ޔަގީން ކުރެވުނީ ތުރުކީގެ ޒަމާނީ ޑްރޯނަކަށް އެ ސަރަހައްދުން ހޫނުގެ އަސަރު ދެނެގަނެވި އެކަން ރިޕޯޓު ކުރުމުންނެވެ.
އެ ސަރަހައްދަށް އެންމެ ފުރަތަމަ ދިޔަ ރެޑް ކްރެސެންޓުގެ ޓީމުން ބުނެފައިވާގޮތުގައި އެ ހެލިކޮޕްޓަރު ވަރަށް ބޮޑަށް ހަލާކުވެ ބޮޑު ބައެއް އަނދާފައިވެއެވެ.
އަޒަރްބައިޖާނުން ނައްޓާލި އެ ހެލިކޮޕްޓަރުގައި އީރާނުގެ ރައީސް ރައިސީގެ އިތުރުން އެ ގައުމުގެ ޚާރިޖީ ވަޒީރާއި އަޒަރްބައިޖާން ސަރަހައްދުގެ ގަވަރުނަރާއި އިސް މުސީރަކު ބައިވެރިވެލެއްވިއެވެ.
އެ ހެލިކޮޕްޓަރު ވެއްޓުނީތޯ؟ ވައްޓާލީތޯ؟ އުފެދޭ ސުވާލަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް