ޖޭޕީއަށް އަނެއްކާވެސް ގިނަ އަދަދެއްގެ މެމްބަރުން ގުޅެން ފަށައިފި

ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ސޮއި ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ. ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ ފޯމުތަކާއި ހަވާލުވެވަޑައިގެންނެ...

20 May 2023 | 17:57

ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ސޮއި ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. މިއަދު އެކަނި350 އަށްވުރެ ގިނަ މީހުން ޖޭޕީ އާއި ގުޅިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަސް ދާއިރާއަކުން އެ ޕާޓީ އާއި އަލަށް ގުޅުނު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލި ދާއިރާގެ 150 މީހުންނެވެ.

އަދި ލ. ގަމު ދާއިރާ އިން 65 މީހުން ވަނީ ޖޭޕީއާ ގުޅިފައެވެ. ރ. ދުވާފަރު، ރ. މަޑުއްވަރީ އަދި ރ. އަލިފުށި ހިމެނޭ ހެން ކޮންމެ ދާއިރާއަކުން އަލަށް 50 މީހުން ގުޅިފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ޕާޓީއަށް މީހުން އިތުރު ކުރުމަށް ޖޭޕީން ވަނީ ހާއްސަ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި އެވެ. އަދި އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވެ އެވެ.

ކޮންމެ މިފަދަ ޕްރޮގްރާމަކާއި ދިމާކޮށް އެ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ވަންނަ އިރު އެ ޕާޓީއަށް ވަންނަ މެމްބަރުން ވަރަށް އަވަހަށް ޕާޓީދޫކޮށް ދާތަންވެސް ފެނިގެން ގޮސްފައިވެ އެވެ.

އެގޮތުން މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ އެ ޕާޓީއާއި ގުޅުނުތާ ދެ މަސް ނުވަނީސް ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައި އެވެ. އަދި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ދާދިފަހުން އެ ޕާޓީއަށް ސޮއި ކުރި އިރު މިއީ އޭނާ ޖޭޕީއަށް ސޮއި ކުރި ތިން ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް