ޔޫކްރެއިނަށް އެހީނުވާ ކަމަށް ބުނެ އަރަބި ގައުމުތައް ދެކެ ޒެލެންސްކީ ރުޅިއަތުވެއްޖެ!

ޔޫކްރެއިނަށް އަރަބި ގައުމުތަކުން އެހީ ނުވާ ކަމަށް ބުނެ އެ ގައުމުގެ ރައީސް ވްލޮޑްމީރް ޒެލެންސްކީ ރުޅިއަތުވެއްޖެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ރަޝިއާއިން ކުރަން ފެށި ހަނގު...

20 May 2023 | 08:00

ޔޫކްރެއިނަށް އަރަބި ގައުމުތަކުން އެހީ ނުވާ ކަމަށް ބުނެ އެ ގައުމުގެ ރައީސް ވްލޮޑްމީރް ޒެލެންސްކީ ރުޅިއަތުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ރަޝިއާއިން ކުރަން ފެށި ހަނގުރާމައިގަ ޔޫކްރެއިން ވަނީ އެފުށް މިފުށަށް ޖެހިފައި އެވެ. ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފާޅުގައި ހަތިޔާރާއި އެހީ ފޯރުކޮށްދެމުން ދިޔަ ނަމަވެސް އަރަބި ގައުމުތަކުން އެގޮތަށް އަމަލު ކުރަމުންދަނީ މަދު ގައުމެކެވެ.

އިއްޔެ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފެށި އަރަބި ލީގުގެ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އަރަބިންގެ ތެރެއިން ބައެއް ގައުމުތަކުން ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް ކަނު ލޮލަކުން ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުޥީ ރަޝިއާއިން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިޔަސް ކޮންމެ ބަޔަކަށްވެސް މިނިވަންކަން އޮންނަން ޖެހޭނެ ކަން އަރަބި ގައުމުތަކުންވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ހަނގުރާމައިގަ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އަރަބި ގައުމުތަކުގެ އެންމެ އިސް ގައުމު ކަމަށްވާ ސައުދީން ދަނީ އދ. ގެ ޗާޓަރާއި އެއްގޮތަށް އަމަލުކޮށް ރަޝިއާ ސިފައިން ޔޫކްރެއިނުން ފޭބުމަށް ގޮވާލަމުންނެވެ. އަދި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭންވެސް އެ ގައުމުން ވަނީ ފަށާފައި އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ސީރިއާ ފިޔަވާ ފާޅުގައި ރަޝިއާއަށް ތާއީދު ކުރާކަން ހާމަކޮށްފައިއެއް ނުވެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވި އިރު އަރަބި ގިނަ ގައުމުތަކަށް ހުޅަނގުގެ ގައުމުތަކުން އަރައި ހިންގި ހަނގުރާމަތަކުގައި އެ ގައުމުތައް ވަނީ ސުންނާފަތިވެފައި އެވެ. އެ ހަނގުރާމަތަކުގައި ޔޫކްރެއިނުން ތައީދު ކޮށްފައިވަނީ ހުޅަނގުގެ ގައުމުތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް