ފަންނުގެ ދަރިންގެ 27 ވަނަ ސެޝަން މިއަދު

ފަންނުގެ ދަރިންގެ 27 ވަނަ ސެޝަން މިއަދު ފަށާނެކަމަށް އާބަންކޯ އިން ބުނެފިއެވެ. މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތައްކުރުވާ ފަންނުގެ ދަރިން ޖަމިއްޔާއާއި، އަރބަ...

20 May 2023 | 07:00

ފަންނުގެ ދަރިންގެ 27 ވަނަ ސެޝަން މިއަދު ފަށާނެކަމަށް އާބަންކޯ އިން ބުނެފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތައްކުރުވާ ފަންނުގެ ދަރިން ޖަމިއްޔާއާއި، އަރބަންކޯ ގުޅިގެން ހުޅުމާލެ، އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މި ހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އަދި ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ބާއްވަން ތާވަލްކޮށްފައި ވަނީ މިއަދުގެ ހަވީރު 16:00 އިން ރޭގަނޑު 22:00އާ ހަމައަށް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން ބުނީ މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލެގެ ދިރާގު ބީޗް ސަރަހައްދުގައި ކަމަށެވެ.

އާބަންކޯ އިން ފަންނުގެ ދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ މި ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ޘަޤާފަތް ދައްކުވައިދޭ ގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެކެވެ. އެގޮތުން މި ސެޝަންތައް ކުރިއަށްގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާއި އެކުގައެވެ.

2019 ވަނަ އަހަރުވެސް ފަންނުގެ ދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް މެދުކަނޑަލާފައި ވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް މި ސެޝަންތައް ފަށައި، އާބަންކޯ އާއި އެކު އެއްބަސްވުމަކަށް އައިސްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި ކުންފުންޏާ ގުޅިގެން ބޭއްވި ފުރަތަމަ ސެޝަން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައެވެ.

އާބަންކޯ އަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެއް ކަމަށާއި ފަންނުގެ ދަރިން ސެޝަންއަކީ ވެސް އެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް