ކޭންސްގައި މިފަހަރު އައިޝްވާރްޔާގެ ތަރި އޮއްސިއްޖެ ކަމަށް ބުނަން ފަށައިފި!

ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ މިސް ވޯލްޑް އައިޝްވާރްޔާ ރާއީ ބައްޗަންގެ ތަރި މިހާރު ކުރިޔަށްދާ ކޭންސް ފެސްޓިވަލްގައި އޮއްސިއްޖެ ކަމަށް ބުނަން ފަށައިފި އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ކޭންސް ފެސްޓ...

20 May 2023 | 06:43

ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ މިސް ވޯލްޑް އައިޝްވާރްޔާ ރާއީ ބައްޗަންގެ ތަރި މިހާރު ކުރިޔަށްދާ ކޭންސް ފެސްޓިވަލްގައި އޮއްސިއްޖެ ކަމަށް ބުނަން ފަށައިފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ކޭންސް ފެސްޓިވަލްގައި ބައިވެރިވާން އައިޝްވާރްޔާ ފްރާންސަށް ދިޔައީ އެހެން އަހަރުތަކެކޭ އެއްގޮތަށް ދަރިފުޅު އަރާދްޔާ ބައްޗަށް ގޮވައިގެންނެވެ. އައިޝްވާރްޔާއަކީ ކޭންސް ފެސްޓިވަލްގައި ޖެހިޖެހިގެން އެންމެ ގިނަ ދުވަހު ބައިވެރިވަމުންދާ އިންޑިއާގެ ތަރި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިފަހަރު ކޭންސް އާއި އެކު އެ ފެސްޓިވަލްގައި އައިޝްވާރްޔާ ކުރަމުން އައި ރަނިކަން ނިމުމަކަށް އައިސްފައިވާކަމުގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. މީގެ ކުރިން އޭނާ އަކީ އެ ފެސްޓިވަލްގައި ކޮންމެ އަހަރަކު އެންމެ ރީތި ހެދުންލީ މީހާގެ ގޮތުގައި ވަނީ މަޝްހޫރުވެފައި އެވެ.

އެކަމަކު މިފަހަރު އައިޝްވާރްޔާ ލީ ހެދުން ސަޕޯޓަރުންނާއި ފާޑުކިޔާ މީހުންނަކަށް ކަމަކު ނުދިޔަ އެވެ. ގޮތްބޮޑުކޮށް މުޅި ބޯ ނިވާވާ ގޮތަށް ފަރުމާ ކޮށްފައިވާ ކަޅާއި ސިލްވާ ކުލައިގެ އެ ހެދުމަށް ގިނަ ބަޔަކު ދަނީ ޖޯކު ޖަހަމުންނެވެ. ބައެއް މީހުން ދަނީ ބަފައިބެ އަމީތާބް ބައްޗަންގެ ފިލްމެއްގައި ރޯގާ ޖެހިގެން ހީފިލުވަން ރަޖާއެއް އަޅައިގެން އިން ޝޮޓަކާއި އައިޝްވާރްޔާގެ މިފަހަރުގެ ހެދުމާއި އަޅާކިޔައި ޖޯކު ޖަހަމުންނެވެ.

އަދި ކޮންމެ އަހަރަކު އެއްގޮތަށް އައިޝްވާރްޔާ އިސްތަށިގަނޑު ހަދައިގެން ކޭންސްއަށް އަރާތީވެސް ފާޑުކިޔާފައިވެ އެވެ. މީގެ އިތުރުން މިފަހަރުގެ ފެސްޓިވަލްގައި ނޫސްވެރިން ވަނީ އޭނާއަށް ހިންދީ ފިލްމު ކުޅެން ނުލިބެނީ ކީއްވެތޯ ސުވާލުކޮށް އައިޝްވާރްޔާ ލަދުގަންނަވާލާފައި އެވެ.

މި ހުރިހާ ކަމެއް ހިނގާފައި ވަނިކޮށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ އެ ފެސްޓިވަލްގައި އެންމެ ފަހަރަކު ފެނި ލުމަށް ފަހު އޭނާ ދަރިފުޅު ގޮވައިގެން އެނބުުރި އިންޑިއާއަށް ދިއުމެވެ. ފެސްޓިވަލްގެ ހަރަކާތްތައް ނުނިމެނީސް މެދުތެރެއިން އޭނާ އިންޑިއާއަށް ދިޔައީ ހިތްހަމަ ނުޖެހިގެން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

މިވާހަކަތަކާއި އެކު މީހުން ބުނަމުން ދަނީ އައިޝްވާރްޔާގެ ތަރި މިފަހަރު ކޭންސް އާއި އެކު އޮއްސިއްޖެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް