ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ދަރިފުޅު ބެލްކަނިއް ވައްޓާލަން އުޅެ، ދަރިފުޅު މަރާލާނެ ކަމަށް ބުނެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ބިރު ދެއްކި ކަމުގެ ތުހުމަތު ކޮށްފި އެވެ.
އީސައަށް ފުލުހުން ކުރަނީ ގެވެށިއަނިޔާގެ ތުހުމަތެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ދަންވަރު އެވެ.
އީސަގެ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރާކަން ހާމަވީ މި މައްސަލައިގަ އޭނާ ހައްޔަރު ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާ މައްސަލައިގަ އެކަން ބަޔާން ކޮށްފައިވުމުންނެވެ. އީސަ އާއި އަސްރާ ނަސީމަށް ލިބިވަޑައިގެންވާ ފިރިހެން ދަރިފުޅުގެ އުމުރަކީ އެންމެ ދެ އަހަރެވެ.
މައްސަލަ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، އެ މީހުންގެ ދަރިފުޅު އަސްރާ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ދިއްކޮށް ވައްޓާލާނެ ކަމަށް އީސަ ވިދާޅުވެފައިވާ ކަމުގެ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އީސަގެ އަމަލުން ކުއްޖާގެ ކަރާމާތް ގެއްލޭ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އީސަ ވަނީ ތަކުރާރުކޮށް އަސްރާއަށް ގެވެށި އަނިޔާކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގަށް ޕީޖީގެ ފަރާތުން ފުލުހުން އެދިފައި ވަނީ، އީސަ ދޫކޮށްލައިފައި ހުރެއްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައިފާނެތީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ހޯދައިދިނުމަށެވެ.
އެކަމަކު ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް ބަލާއިރު އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި އެވެ. ކޯޓުން އެގޮތަށް ނިންމީ ހާދިސާ ހިނގައިގެން ފުލުހުން ދިޔައިރު އީސަ އެތަނުގައި ނެތުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން އެދިފައިވާ ކަންކަމުގެ މައްޗަށް އެ މައްސަލަ ނުފެތޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް