ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރެވޭކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އުސޫލުގެ ތެރެއިން ޞަބްރާ އިބްރާހީމް ނޫރައްދީނާއި ޢާއިޝަތު ނޫޝީން ވަޙީދު މި އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
"ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާއި ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ރައީސް އޮފީހުން ބުނެެއެެވެ.
"ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންނެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ." ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްކަން ފާހަގަކުރަމުން މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަމަށްވެސް އެ އޮފީހުން ފާހަގަކުރެއެވެ.
ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށާއި ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް