މިއަދު އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް އިސްރާއީލުން އަދިވެސް ހުއްޓުމެއް ނެތި ފަލަސްޠީނަށް ހަމަލާ ދެމުން އެބަ ގެންދެ އެވެ.
އިސްރާއީލުގެ މިއަދުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ އެކަކު ޝަހީދު ވެފައި ވާއިރު، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއީލަށް އިއްޔެ ގޮވާލައްވާފައި ވީ ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން މި ގޮވާލުމަށް އިޖާބަ ނުދީ، އަދިވެސް ފަލަސްޠީނަށް އަންނަނީ ހަމަލާތައް ދެމުންނެވެ.
ނަމަވެސް ބައިޑެންގެ ފޯނު ކޯލަށް ފަހު ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުގެ މަޤްޞަދު ހާސިލް ވުމުގެ ކުރިން ޣައްޒާއަށް ބޮން އެޅުން ހުއްޓާ ނުލާނެ ކަމަށެވެ. އިސްރާއީލްގެ މަޤްސަދަކީ މުޅި ޤުދުސް އެ ޤައުމުގެ ބާރުގެ ދަށަށް ގެންދިއުމެވެ.
އިސްރާއީލުން މިހާރު ފަލަސްޠީނަށް ހަމަލާ ދެމުން ދަނީ މަތީ ފެންވަރުގެ ޖެޓުތައް ބޭނުން ކޮށްގެން ވައިގެ މަގުންނެވެ.
މި މައްސަލައިގައި އދ ގެ ސަލާމަތީ މަޖިލީހަށް ހައްލެއް ހޯދުމަށް ނުކުޅެދިފައި ވަނީ، އިސްރާއީލާއި ދެކޮޅަށް އަޅަން ޤަސްދު ކުރާ ކޮންމެ ފިޔަވަޅެއް އެމެރިކާއިން ވީޓޯ ކުރަމުން ގެންދާތީއެވެ. އެގޮތުން، މި މައްސަލައިގައި ފާއިތުވެ ދިޔަ 11 ދުވަހު، 3 ފަހަރެއްގެ މަތިން މިހާތަނަށް އެމެރިކާއިން ވީޓޯ ކޮށްފައިވެއެވެ.އިސްރާއީލާއި ހަމާސް މުޖާހިދުންގެ އިސްވެރިންނާއި ދެމެދު ބޭއްވުމަށް ތައްޔާރު ވަމުން ދިޔަ ސުލްހައިގެ މަޝްވަރާތައްވެސް ބޭއްވޭ ގޮތް އަދި މިހާތަނަށް ވެފައެއް ނުވެއެވެ.
އިސްރާއީލުން ފާއިތުވި 11 ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި، 65 ކުޑަކުދިން ހިމެނޭހެން ފަލަސްޠީނުގެ 230 ރައްޔިތުން ޝަހީދު ކޮށްލާފައި ވެއެވެ. ރައްދުގެ ގޮތުގައި ފަލަސްޠީނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް