އެތެރޭގެ ކޮމެޓީތަކުން އީސަ އެކަހެރިކުރުމަށް އެމްޑީޕީއިން ނިންމައިފި

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ ...

20 May 2021 | 13:00

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކޮށް، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައިފިއެވެ.

އެމްޑީޕީއިން ބުނެފައި ވަނީ ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެ ޕާރޓީން އެއްގޮތަކަށް ވެސް 'ޓޮލަރޭޓް'ކުރާނޭ ޢަމަލުތަކެއް ނޫން ކަމަށެވެ.

ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި އެ ޕާރޓީން މިއަދުވަނީ އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމިގޮތަަށް، އެ މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، މި ޕާރޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު ޢީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަމަށް އެމްޑީޕީއިން ބުނެއެވެ.

އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާޢީ ތަޙްޤީޤު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމް.ޑީ.ޕީ. ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަން އެމްޑީޕީއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް