ހަރުކަށި ފިކުރައް ތާއީދު ކުރާ ކަމަށް ތުހުމަތުކޮށް 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހުޅުމާލެއިންނެވެ. އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ ރޭ ބ. ދަރަވަންދޫގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރު ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައ ރޭ ހައްޔަރު ކުރީ އެ ރަށު މީހަކާއި އިންނަށް މީގެ ހަފްތާއެއް ދުވަސް ކުރިން ދަރަވަންދޫއަށް ގޮސް ހުރި އަހުމަދު ފާތިހު ކިޔާ މީހެކެވެ.
އޭނާ ހައްޔަރު ކުރީ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ހޯމް ކަރަންޓީންގައި ހުއްޓައެވެ.
އަދި އިއްޔެ ރޭ ފުލުހުން ވަނީ ހަރުކަށި ފިކުރުގެ އަދި އއ. ހިމަންދޫ މައްސަލައިގަ 10 އަހަރުގެ ޖަލުހުމެއް ތަންފީޒު ކޮށްފައިވާ އުމުރުން49 އަހަރުގެ އަބްދުﷲ އަލީ މަނިކު މާލެއިން ހައްޔަރު ކޮށްފަ އެވެ. މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އޭގެ ކުރިން ފުލުހުން މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަރުކަށި ފިކުރުގެ ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ. އެމީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވެ އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރާއި ގުޅޭ ކޮން މައްސަލައެއްގެ ކަމެއް ނޭނގެ އެވެ.
އެކަމަކު ފުލުހުން ހާއްސަ އިސްކަމެއް ދީގެން ހަރުކަށި ފިކުރާއި ދެކޮޅަށް އޮޕަރޭޝަން ފަށާފައި މިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާ ދިން ފަހުންނެވެ. މި ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
ލިބުނު އަނިޔާކަށް ނަޝީދު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުވިލާތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް