ވަކި ކުރުމުގެ މަސައްކަތް ފެށުމުން މުގައްރިރު ކަމުން އީސަ އިސްތިއުފާ ދެއްވައިފި

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އަމިއްލައަށް އިސްތިއުފާދެއްވައި އެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ގެވެށި އ...

20 May 2021 | 10:20

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އަމިއްލައަށް އިސްތިއުފާދެއްވައި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ. މި މައްސަލައިގަ އިޖްތިމާއީ ކޮމިޓީން ވަނީ އޭނާ މުގައްރިރު ކަމުން ވަކި ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އިސްތިއުފާ ދެއްވައި އީސަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އިސްތިއުފާދެއްވީ އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ޚިޔާފު ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އީސަ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރައްވާ މަސައްކަތަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު އޮތް އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އީސަ މަގާމުން ވަކި ކުރަން މަސައްކަތް ކުރި އެވެ. ނައިބު މުގައްރިރު މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ރިޔާސަތު ބެލެހެއްޓެވި ކޮމިޓީން އީސަ ވަކި ކުރަން ފާސް ނުކުރެވުނީ ވޯޓަށް އަހާވަރަށް މެމްބަރުން ހާޒިރުވެފައި ނުވާތީ އެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރަނީ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާ ކުރެއްވި ކަމަށެވެ. މި ކަން ހިނގާފައިވަނީ އިއްޔެ ރޭ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލަ ފުލުހަށް ހުށަހެޅީ އަވައްޓެރި އެކެވެ.

އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ.

އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް