އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ޗައިނާއާއި ވާދަ ކުރުމަށް ޓެކްނޮލޮޖީގެ ދާއިރާގެ ދިރާސާތަކަށް، ބިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަ ކުރަން ނިންމައިފިއެވެ.
އެމެރިކާގެ ކޮންގްރެސްއިން މި ފައިސާ ޓެކްނޮލޮޖީގެ ދާއިރާއަށް ކަނޑައެޅީ، ޗައިނާއާއި އެމެރިކާއާއި ދޭތެެރޭ ވާދަ ވެރިކަން އިތުރުވެ، މަސްރަޙު ހޫނު ވެފައިވާ ދަނޑިވަޅެއް ގައެވެ.
މިދިޔަ ހޯމަ ދުވަހު ކޮންގްރެސްގައި ނެގި ވޯޓުގައި މި ބަޖެޓު ފާސް ކުރުމަށް 84 މެންބަރުން ބިލާއި އެއްކޮޅަށް ވޯޓު ދެެއްވާފައި ވާއިރު، 11 މެންބަރަކުވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.މިއީ އެމެރިކާ ސެނެޓުން އަލަށް ފާސް ކުރަން މަސައްކަތް ކުރާ 'އެންޑްލެސް ފްރަންޓިއަރ އެކްޓް' ޤާނޫންގެ ދަށުން ހަމަޖައްސާފައިވާ ބަޖެޓެކެވެ. ސެނެޓު މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރ ތަޅުމަށް ހުށަހަޅުއްވާފައިވާ މި ބިލަކީ އެ ޤައުމުގައި ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ބަޖެޓު ހޯދުމަށް ޚާއްސަ ކުރެވިފައިވާ ޤާނޫނެކެވެ. ސެނެޓުން ފާސް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ބަހާލައިގެން އާދައިގެ އަދި އެޑްވާންސް ލެވެލްގެ ދިރާސާތަކަށް 100 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅުމަށާއި، ޤައުމުގެ އެކި ސަރަހައްދުތަކުގައި ޓެކްނޮލޮޖީގެ ހަބްތައް ޤާއިމް ކުުރުމަށް އިތުރު 10 ބިލިއަން ޑޮލަރު ކަނޑަ އެޅުމަށެވެ.
ވިޔާފާރި، ސައިންސް އަދި ދަތުރުފަތުރަށް ޚާއްސަ ކޮންގްރެސްގެ ކޮމިޓީންވަނީ ވެއެތުވެ ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު 'އެންޑްލެސް ފްރަންޓިއަރ އެކްޓަށް' އެ ކޮމިޓީގެ ރުހުން ދީފައެވެ. އެ ކޮމިޓީގެ ރުހުން މި ބިލަށް ލިބިފައިވަނީ އެމެރިކާއިން ޗައިނާއާއި މެދު ޓެކްނޮލޮޖީގެ ދާއިރާއިން ވާދަވެރިކަން އިތުރު ކުރަން ޖެހިފައިވާ ކަމަށް ބުނެ އެމެރިކާގެ ގިނަ ބަޔަކު ބަހުސް ކުރަމުންދާ ދުވަސް ވަރެއްގައެވެ. މި ބިލް ފާސްވެއްޖެ ނަމަ،މަސްނޫއީ ސިކުނޑި ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސްއާއި، ސެމީ ކޮންޑަކްޓަރުގެ ކުރިއެރުންތަކާއި، ކުއާންޓަމް ކޮމްޕިއުޓިންގ އަދި ބަޔޯ ޓެކް ހިމެނޭހެން ޓެކްނޮލޮޖީގެ ހުރިހާ ދާއިރާއެއްގެ މަސައްކަތްތައް ރަސްމީ ގޮތުން ބަލާނެ އިދާރާއެއް އުފެދިގެން ދާނެއެވެ.
ބިލް ހުށަހަޅުއްވަމުން ޝޫމާ ވިދާޅުވެފައި ވަނީ ދެ ފަރާތުގެ މެންބަރުންނަށްވެސް، ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީ ކުރަން ވެއެތުވެ ދިޔަ 10 އަހަރެއްހާ މުއްދަތުގައި އެމެރިކާއިން ހޭދަ ކުރާ މިންވަރު ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ކުޑަ ކަން އެނގެވަޑައި ގަންނަވާނެ ކަމަށާއި، މި ކަމުގެ ސަބަބުން އެމެރިކާއަށް ދުނިޔޭގެ އިޤްތިޞާދީ ލީޑަރަކަށްވުމަށް ގޮން ޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަަމަށެވެ.މީގެ އިތުރުން ޝޫމާ ވިދާޅުވެފައި ވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 'ދަހި' އިޤްތިޞާދީ ޕޮލިސީތަކަށް އެ ޤައުމު ޖަވާބު ދާރީ ކުރުވަން ޖެހިފައިވާ ކަމަށެވެ.
2019 ވަަނަ އަހަރު ޗައިނާއިން ވަނީ ރީސާރޗާއި ތަރައްޤީއަށް އަމާުޒުކޮށް، 340 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ.މިއީ އެ ޤައުމުގެ ޖީޑީޕީގެ 2.2 އިންސައްތަ ކަމުގައި ވާއިރު، މި އަދަދަކީ ރިކޯޑު އަދަދެއް ކަމަށް އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕޮރޭޝަން އެންޑް ޑިވެލޮޕްމެންޓް، އޯއީސީޑީ އިންވަނީ ބުނެފައެވެ.
އެމެރިކާގެ އެންޑްލެސް ފްރަންޓިއަރ އެކްޓަކީ ޗައިނާއާއި މުޤާބަލާތް ކުރުމަށް ޚާއްސަކޮށް ފާސް ކުރުމަށް މަސައްކަތް ކުރާ ޤާނޫނެއް ކަމަށް ވާއިރު، އެ ޤައުމުގެ ޑިމޮކްރެޓުންނާއި ރިޕަބްލިކުންވެސް މި ބިލަށް ތާއީދު ކުރެއެވެ. މި ދެ ޕާޓީ އެއްވެސް ކަމެއްގައި އެއްބަސްވަނީ މަދު ފަހަރެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.ކޮންގްރެސްގެ މެންބަރުން ދެކެލައްވާ ގޮތުގައި، މި ބިލްގައި ޗައިނާއާއި އެމެރިކާއާއި ދެމެދުގައި މައްސަލަ ޖެހިފައިވާ ގިނަ ކަންކަން އިތުރު ކުރެވި، ބިލް ޤާނޫނަކަށް ބަދަލު ވެގެން ދާއިރު، މިހާރު އޮތް މިންވަރަށް ވުރެ ބޮޑުވާނެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ، ބޮބް މެނެންޑޭޒާއި، ރިޕަބްލިކަން ޕާޓީގެ މަންދޫބު ޖިމް ރިޝްވެސް ވަނީ ސްޓްރެޓީޖިކް ކޮމްޕެޓިޝަން އެކްޓު، 2021 ގެ ނަމުގައި ބިލެއް ތަޅުމަށް ހުށަހަޅުއްވާ ފައެވެ.މި ބިލުގެ މަޤްޞަދަކީ، ހޮންކޮންގާއި ޝިންޖާންގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ޗައިނާގެ އޮފިޝަލުންނާއި މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ.މި ބިލުގެ ސަބަބުން އެމެރިކާއާއި ޓައިވާނުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ވެގެންދާނެ ކަމަށް އެ ބޭފުޅުން ދެކިލައްވައެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ބެއިޖިންގ އިން ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތަކަށްވެސް ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ މަހު، ސްޓޭޓް އޮފް ދަ ޔޫނިއަންއާއި މުޚާތަބް ކުރައްވާ ރައީސް ބައިޑެންވަނީ، ޤައުމުގެ އެތެރޭގެ ދާއިރާތަކަށް އިންވެސްޓު ކުރުމަކީ ޗައިނާއާއި މުޤާބަލާތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ހޭދަ ކަމަށާއި، އެމެރިކާ މިހާރުވަނީ ޗައިނާގެ އިތުރުން އެހެން ޤައުމުތަށް ހިމެނޭހެން 21 ވަނަ ޤަރުނު ކާމިޔާބު ކުރާނެ ޤައުމެއްގެ ވާދަވެރި ކަމުގެ ތެރޭގައި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން،ޗައިނާގެ ރައީސް ޝިން ޖިން ޕިން މަސައްކަތް ކުރައްވަނީ އެ ޤައުމަކީ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ހެއްދެވުމަށް ކަމަށްވެސް ބައިޑެންވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި، ޗައިނާއާއި އެމެރިކާއާއި ދެމެދުގައިވާ ގުޅުންވަނީ އިތުރަށް ހީނަރު ވެގެން ގޮސްފައެެވެ.ޗައިނާއިން އިންސާނީ ޙައްޤުތައް ރައްކާތެރި ނުކުރާ މައްސަލަ ޝިންޖާނުން ފެންމަތި ވުމާއި، ހޮންކޮންގގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާއި، ބޭޖިންގއިން ވިޔަފާރީގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ގިނަ މައްސަލަތަކެއް ޓްރަމްޕްގެ ވެރިކަމުގައި ޖެހިފައި ވެއެވެ. މި މައްސަލަތައް އިތުރަށް ހޫނު ވެގެން ދިއައީ، ކޮވިޑާއި ގުޅިގެން ޗައިނާއިން ގެންގުުނު ސިއްރުވެރި އުސޫލުތަކާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި ޗައިނާގެ އަސްކަރިއްޔާއިން ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް