މަޑުމަޑުން ޒާރާގެ ހަށިގަނޑުގައި ފަހުދު ފިރުމާލިއެވެ. ހިއްސުތައް އޭނާގެ އަމިއްލަ ބާރުން ދޫވަމުން ދަނީއެވެ. އެތައް ދުވަހަކުއްސުރެ ހިތުގައި އުފެދި، ބާނިލަމުންދިޔަ ޖަޒުބާތުތަކާ އެއްކޮޅަށް ފަހުދުގެ ހަރަކާތްތައް ދީލާލިއެވެ. ދުނިޔޭގައި ހިނގާ އިތުރު ކަމެއް މިވަގުތު ފަހުދުގެ ސިނކުޑީގައި ނުވާކަހަލައެވެ. އޭނާގެ މަސްތީ ދުނިޔޭގައި ޒާރާ ގޮވައިގެން އުދުއްސައިގަތުން ފިޔަވާ މިވަގުތު އޭނާގެ އިތުރު ބޭނުމެއް ނުވެއެވެ.
''އޭތް....................'' ފަހަތުން މީހަކު ހަޅޭއްލަވައިގަތް އަޑާއެކު އޭނާގެ އަރިކަށީގައި އަޅާ މީހަކު ކޮއްޕާލިއެވެ. ފަހުދު ވިއްސައިގެން ގޮސް ގުޅައަކަށް ބިންމައްޗަށް ޖެހުނެވެ. ލިބުނު ހައިރާން ކަމުގައި ކުރިމަތިން ފެންނަންހުރި ސޫރައާ ދިމާއަށް ފަހުދަށް ބަލާލެވުނެވެ.
ތަނަށް ވެރިވެފައިވާ ފަޑު އަލިކަމުގައިވެސް އެއީ ކާކުކަން ފަހުދަށް އެނގުނެވެ. ފަހުދުގެ ހިތް ހީވީ ހުއްޓުނު ހެންނެވެ.
''އިންމަ............ތަ؟...........'' ބޭއިޚްތިޔާރުގައި ފަހުދުގެ އަނގައިން އަޑު ނިކުތެވެ. އިމްރާނު ފެނުމުން ލިބުނު ސިހުމާއި ހައިރާންކަމުގައި އޭނާއަށް ބުނާނެ އެއްޗެއް ނޭގިފައި ދެލޯ ބޮޑުކޮއްގެން އިނީ ހުއްޓުން އަރާފައެވެ.
"ވީގޮތަކީ.............'' ފަހުދު އިންތަނުން ތެދުވިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފުން ނޭވާއެއް ބޭރުކޮއްލިއެވެ.
''އިންމަ........ ތި ހީކުރާކަހަމަ ކަމެއް އަދި ނުހިނގާ....... ވީގޮތް ކިޔާދީފާނަން...............'' ދުރު ބަލަހައްޓައިގެން ހުރެ ފަހުދު ވާހަކަ ދެއްކޭތޯ ބެލިއެވެ. އިމްރާނާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އުޅޭކަހަލައެވެ. ލިބިފައިވާ ނުތަނަވަސްކަމުގައި އޭނާ ވަނީ ހާސްވެފައެވެ.
އިމްރާނު ފަހުދާ ދިމާއަށް ބަލާލިއެވެ. އެ ބެލުމުގައިވަނީ އިންތިހާ ރުޅިވެރިކަމާ ނަފުރަތެވެ. އައިސްފައިވާ ރުޅީގެ މައްޗަށް ގަދަވެގަތުމަށް އެވަގުތުވެސް އިމްރާން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އޭނާގެ ލޯ ކުރިމަތިން ފެނިގެން ދިޔަ މަންޒަރުގެ ސަބަބުން އޭނާއަށް ކުރެވެމުންދާ އިހްސާސްތަކުގެ މައްޗަށް ބާރުފޯރުވުމަކީ އެވަގުތު އުނދަގޫ ކަމަކަށް ވަނީ ވެފައެވެ.
''އިންމަ.......... ފަހަރި ކައްސާލައިގެން ވެއްޓި ހޭނެތުނީ.......... އެހެންވެ އަހަރެން މިއުޅެނީ............'' ފަހުދުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އިމްރާނުގެ އަތްތިލައިގެ ހޫނު އެތިފަހަރެއް ފަހުދުގެ ކަންކަށިމައްޗަށް އަރައިފިއެވެ.
''ހަބަރުދާރު........ އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނާތި..........ކަލޭގެ ވިޔާނުދާ އަނގައިން ޒާރާއަށް ފަހަރި ކިޔަން ކަލޭ ލަދުގަންނަންޖެހޭނެ............. ގޮތްކުޑަ ...............'' ލައިގެން ހުރި ޓީޝާޓް ބާލާ ޒާރާގެ ހަށިގަނޑުން ހާމަވެފައިވާ ބައި އިމްރާނު ނިވާކޮއްލިއެވެ.
''އިމްރާން......... ހަޅޭއްނުލަވާ......... ކަލެއަކަށް ނޭނގޭނެ ކަލޭ އަންހެނުންގެ ގޮތެއް............ ބޭނުމިއްޔާ ކިޔާދީ ފާނަން........... ކެރޭނެތަ އަޑުއަހަން............ އަޑުއަހާފަ ގަބޫލު ނުކޮއްފިއްޔާ ހެކި ވެސް ދައްކަފާނަން.......... ތި ހީކުރާހާ މާތް މީހެންނޫން އެއީ.............. އެހެންނޫންނަމަ...................'' ފަހުދު ހަޅޭއްލަވައިގަތެވެ. އޭނާގެ މަގާމު އޭނާ ހަނދާން ނެތުނު ކަހަލައެވެ.
ބަލާކަށް އަދި އަޑުއަހާކަށްވެސް ބޭނުމެއްނޫން........މިވީހާ ތަނަށް، އަހަރެންގެ ލޯ އަހަންނަށް ކެއްސެއް ދީފައެއް ނުވޭ............ ފަހުދު ދެން އިތުރަށް ވާހަކަ ދައްކަން ނަހަދާ........... އަހަރެން ބޭނުމެއް ނޫން ފަހުދު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް..............'' އިމްރާން ފަހުދަށް ރައްދު ދިނީ ހަރުދަނާ ކަމާއެކުގައެވެ.
''މަޑުކުރޭ............މަ ދައްކާ އެންމެ ފޮޓޯގަނޑަކުން ހުރިހާކަމެއް އެނގިދާނެ.......... އޭރުން ތި ޝައްކުވެސް ފިލާފާނެ...............'' ފަހުދު އޭނާގެ ފޯނު ހޯދަން ފެށިއެވެ. މޭޒުމަތީގައި އޮތް ޓީޝާޓު ނަގާ އެތަންވެސް ބެލިއެވެ. ގުދުވެ ތަޅުންމަތިވެސް ބަލާ، އެތަން މިތަން ހޯދަން ފެށިއެވެ. އޭނާގެ ފޯނެއް ނުފެނެވެ.
''ގެނޭ މަގޭ ފޯނު........... އިމްރާން.............. މަ ރުޅިއަރުވަން ނޫޅެއްޗޭ..............'' ފަހުދު އައިސް އިމްރާނުގެ ކުރިމައްޗަށް ޖެހިގަތެވެ. ރުޅިއައިސްގެންގޮސް އޭނާ ހީވަނީ ފަޅައިގެން ހިނގައިދާނެހެނެވެ. ދެލޮލުން ފެންނަނީ ނަފުރަތާ ހަސަދަ ވެރިކަމެވެ. މީހާ ތުރުތުރު އަޅައެވެ.
ފަހުދުގެ އެ ހަރަކާތާމެދު އިމްރާނު ސަމާލުކަމެއް ނުދިނެވެ. ފަހުދު އެއްފަރާތް ކޮއްލުމަށްފަހު ޒާރާގެ ގާތަށް އިމްރާނު، ގުދުވެ ކޯތާފަތް މަތީގައި އަތުން ޖަހާލަމުން މަޑުމަޑުން ގޮވާލިއެވެ.
''ބުނެފީމެއްނު އޭނާ އެއޮތީ ހޭނެތިފައޭ..........'' ފަހުދު ހުރިގޮތަށް ހުރެ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. ކިތަންމެ ބާރަށް ހަޅޭއްލެވި ނަމަވެސް އިމްރާނަށް އޭނާ އެކިޔާ އެއްޗެއް އަޑު އިވޭ ހެނެއް ހިޔެއް ނުވެއެވެ.
''ފަހުދު ........... ބުނެފީމެއްނު ހަޅޭއްނުލަވާށޭ............ތި ލަވާ ހަޅޭކަކުން، ދައްކާ ވާހަކައަކުން މިއަދު އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެ.............''އިމްރާނު އޭނާގެ އަޑު ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. ޒާރާއަށް ގޮވަމުން އޭނާގެ އަތްތިލައާއި ފައިތިލައިގައި އިމްރާނު އަތް ހާކަމުން ދިޔައެވެ. ޒާރާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އިމްރާންގެ ހިތް ނޭނގޭ ބިރުވެރިކަމެއްވެރިވެ ދެލޯބޮޑުކޮއްލެވުނެވެ. މަޑުމަޑުން ޒާރާގެ ބޯ ހިއްލާލިއެވެ. ޒާރާގެ މޫނު އެއްފަރާތަށް އަރިވެގެން ދިޔުމާއެކު، ކަންމިޔައިން ލޭގެ ރޮނގެން ދެމި ތިރިއަށް ލޭ ތިކި ޖެހެން ފެށިއެވެ.
އިމްރާނަށް އެމަންޒަރު ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ.
''ކަލޭ ޒާރާއަށް ކިހިނެތް ހަދާފަ މިއޮތީ........... ބުނޭ މަރާލާފަތަ އެއޮތީ.............މި ނުލަފާ މީހާ މިތަނުން ގެންދޭ............. '' އިމްރާން ދޮރާ ދިމާއަށް އެނބުރިލިއެވެ. އެވަގުތު ޓެރަސްއަށް ނިކުމެވެން ހުރި ދޮރުމަތީގައި މަޑުކޮއްގެން ތިބި ދެމީހުން ފަހުދަށް ފެނުނެވެ. އެމީހުނާ ދިމާއަށް ފަހުދު ބަލާލީ ނިތްކުރި މައްޗަށް ރޫ އަރުވާލަމުންނެވެ. އެއީ ކޮން ބައެއްކަން ދެނެގަންނަން ފަހުދު މަސައްކަތް ކުރާކަހަލައެވެ.
އެތަނުން އެކަކު ހުރީ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. އެމީހަކީ އިމްރާނުގެ ގާނޫނީ ވަކީލުންގެ ތެރެއިން އެކަކު ކަމާމެދު ފަހުދަށް އެއްވެސް ޝައްކެއް ނެތެވެ. ދެން ހުރީ ކާކުކަން ދެނެގަންނަން މަސައްކަތް ކުރަމުންދިޔަ ފަހުދަށް ފަހަތަށް ޖެހިލެވުނީ ފުލުހުންގެ ޔުނިފޯމުގައި ތިބި، އިތުރު ހަތަރު މީހުން ޓެރެސްއަށް ވަދެގެން އަންނަތަން ފެނުމުންނެވެ. ފަހުދު ހުރިތަނަށް ގަނޑުވި ކަހަލައެވެ. އޭނާގެ ސިނކުޑި އައްސިވިހެން ހީވިއެވެ. އޭނާއަށް ކުރެވެނީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ، ތަފާތު އިހްސާސެކެވެ. ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލެވުނީ ސިކުޑި ހާސްވިލެއް ބޮޑުކަމާ ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުންނެވެ.
ފުލުހުންގެ ހަތަރު މީހުން ފަހުދުގެ ކައިރިއަށް ހުއްޓުނެވެ. ފަހުދު އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައެވެ. އޭގެތެރެއިން ދެމީހުން ފަހުދު ގޮވައިގެން ހިނގައިގަތެވެ. ދެންތިބި ދެފުލުހުންގެ ތެރެއިން އަންހެން ފުލުސްމީހާ ޒާރާގެ ހަށިގަނޑު ބަލާ، ކުރަންޖެހޭ ސުވާލުތައް ކުރުމަށްފަހު އަވަސްވެގަތީ ހޮސްޕިޓަލަށް ޒާރާ ގެންދާށެވެ.
**************
ހޮސްޕިޓަލުގެ އިމަޖެންސީ ގައި ޒާރާއަށް ފަރުވާދެމުންދަނީއެވެ. އެތައް ޓެސްޓް ތަކަކާ ސްކޭންތަކެއް ހަދައިފިއެވެ. ވަގުތުތައް ފާއިތު ވަމުންގޮސް ހަރަތުގަޑި އިރު ފާއިތުވެ ދިޔަފަހުން ޒާރާ ހޭ އެރިއެވެ. އެހުރިހާ ވަގުތެއް އިމްރާނު ހޭދަކުރީ ޒާރާގެ ގާތުގައެވެ. އެންމެ ސިކުންތަކަށްވެސް ދުރަށް ޖެހިނުލައެވެ. ޒާރާގެ މިލާފައިވާ މޫނަށް ބަލަންހުރެ ހިތާ ހިތުން ދުޢާ ކުރަމުން ދިޔައިރު އިމްރާނުގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ.
''ޒާރާ...................'' އައިވީ ގުޅާފައި އޮތް ޒާރާގެ އަތުގައި ފިރުމާލަމުން އިމްރާނު ގޮވާލިއެވެ. އިމްރާނަށް ޒާރާގެ ނަމުން ގޮވާލެވުނީ އިންތިހާ ވޭނީ އަޑަކުންނެވެ. އޭނާގެ ހިތަށް ކޮއްފައިވާ އސަރު ކިތަންމެ ރަނގަޅަކަށްވެސް އެ އަޑުން ފާޅުވެއެވެ.
''އިމްރާން............ ޒިލީ ކޮބާ................. އަހަރެން ...........މިއޮތީ ކޮންތާކު.........؟'' ލޯ ހުޅުވާލުމާއެކު ޒާރާ ވަށައިގެން ހޯދާލިއެވެ. ތެދުވަން މަސައްކަތް ކުރުމުން އިމްރާން އެކަން މަނާކޮށް، ރީތިކޮށް އޮތުމަށް އަތުން އިޝާރާތް ކުރިއެވެ.
''ޒިލީ ވީ ގޭގަ........ މިވަގުތު އެހެން ކަންކަމާ ނުވިސްނާ....... ރެސްޓްކޮއްލާ..........'' ލޯތްބާއެކު އަސަރުން ފުރިގެންވާ އަޑަކުން އިމްރާނު ޖަވާބު ދިނެވެ. އަދި ޒާރާގެ ބޮލުގައި ފިރުމާލިއެވެ. ނުހަނު އޯގާތެރި ކަމާއެކުގައެވެ.
ޒާރާއަށް ލޯ މަރާލެވުނެވެ. އޭނާ ހޮސްޕިޓަލަށް އަންނަން ދިމާވީ ކިހިނެތްބާވައެވެ. ޒާރާ ވިސްނަމުން ދިޔަވަރަކށް ހަނދާންތައް އާވަމުން ދިޔައެވެ. އިސާހިތަކު ވެދިޔަ ހުރިހާކަމެއް ހަނދާނަށް އައެވެ. ފަހުދު އޭނާ ހިފެހެއްޓިގޮތެވެ. ވާރޭ ތެރޭގައި އޭނާގެ އަނގަމަތީގައި އަތް އަޅާ ނޭވާ ހާސްވަންދެން ހިފަހައްޓާލި ހިތްދަތި މަންޒަރެވެ. އެއަށްފަހު ޒާރާގެ މޫނުމައްޗަށް އަނދިރިވެ، ހެޔަށް ގޮތްވީކަން ޒާރާއަށް ފަހުމު ވިއެވެ.
ދެން ވެގެން ދިޔަ އެއްވެސް ގޮތެއް އެއީ ޒާރާގެ ހަމަހޭގައި ހިނގާދިޔަ ކަންތައްތަކެއް ނޫންކަމުން އެކަންކަމާ ބެހޭ އެއްވެސް ކަމެއް ޒާރާއަކަށް ނޭނގެއެވެ. އޭނާއަށް ގަބޫލު ކުރެވުނީ އޭނާ އެތަނަށް ގެނެވުނީ ހޭނެތިފައިވާތީ ކަމުގައެވެ.
''އިމްރާން............'' ކުއްލިއަކަށް ޒާރާ ލޯ ހުޅުވާލިއެވެ. އިމްރާނުގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
''ޒާރާ......... މީ ވިސްނަންވީ ވަގުތެއް ނޫން........... ދެން އެވަރަށް ނުވިސްނާ........... ނިދާލެވޭތޯބަލާ............. އިރާދަކުރެއްވިއްޔާ މާދަމާ ގެއަށް ދެވޭވަރު ވާނެ..............'' ޒާރާގެ ލޮލުން ފާއްދާލި ކަރުނަތިކި އިމްރާނު ފޮހެލާދިނީ ނުހަނު ލޯތްބާ އެކުގައެވެ.
އެވަގުތު އެމީހުންތިބި ޕްރައިވެޓް ރޫމުގެ ދޮރުގައި މީހަކު ޓަކިދޭއަޑު އިވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
''ވަދޭ...........'' އިމްރާނުގެ ޖަވާބު ލިބުމާއެކު ދޮރު ހުޅުވިއްޖެއެވެ. އަދި ޔުނިފޯމުގައި ތިބި ދެ ފުލުހުން އެތެރެއަށް ވަނެވެ. ހިނގާދިޔަ ހުރިހާކަމެއް ޒާރާއަށް އެނގެން ޖެހޭވަގުތު ޖެހުނީއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ 25 މެއި ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް