އީސައާމެދު ފިޔަވަޅު އެޅުން ލަސްވާތީ ޕީޕީއެމް ކޯލިޝަނުން ހިތްހަމަ ނުޖެހިފައި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޢިސާ، އެނާގެ ކުޑަ ދަރިފުޅަށާއި އަންހެނަކަށް އަނިޔާ ކުރުމުން ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރު...

20 May 2021 | 07:54

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޢިސާ، އެނާގެ ކުޑަ ދަރިފުޅަށާއި އަންހެނަކަށް އަނިޔާ ކުރުމުން ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަމާ، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެ ކޯލިޝަނުން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އެ ޢަމަލާއި، އެ ޢަމަލު ރިޕޯޓު ކުރުމުންވެސް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރާއްޖޭގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އަދި ފަހަކަށް އައިސް އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކުގެ ތެރޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ އާއި ޙަވާލުވެވަޑައިގެން ތިއްބަވާ ނުވަތަ އެފަދަ ފަރާތްތަކާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭ ކަމާއި، އަދި މައްސަލައިގެ ވަކި ހިސާބަކުން އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް އޭނާގެ ބަޔާން ބަދަލު ކުރުމަށް މަޖުބޫރު ކުރުވާތަން ފެންނަމުން ދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކަކީ އެކަންކަން ރިޕޯޓު ކުރެވުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމުގައި ޤަބޫލު ކުރާކަމަށް ބުނަމުން، ސިޔާސީ ނުފޫޒުން އެފަދަ މައްސަލައެއް އޮބިގެން ދާތީ އެކަން އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް އެފަދަ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލާ ހިންގާ ޙަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، އެފަދަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީވެސް ހިތާމަ ކުރާ ކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީއިން ބުނެއެވެ.

އެހެންކަމުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ، އެމައްސަލައެއް ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ލަސް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ހަމެއެއާއެކު އެފަދަ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ދޭން ޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް އެ ކޯލިޝަނުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް