ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރެއްވި މައްސަލައިގަ ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މިކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ޝަފީއު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގަ ކަމަށެވެ.
ގާނޫނު ބުނާގޮތުން ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގީގު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގު ކުރިޔަށް ގެންދިއުމުގައި ޕީޖީގެ ފަރާތުން ހޯދަން ޖެހޭ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.
މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާން ދެއްވާފަ އެވެ. އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަސްރާގެ އަވައްޓެރިއަކު ރޭ ދަންވަރު 1:30 ހާއިރު ކަމަށްވެ އެވެ.
މި މައްސަލައިގަ އީސަ މީޑިއާގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް