ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ޒަހަމުތަކެއް ލިބި، އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދިޔައިރު އެ ހޮސްޕިޓަލުގެ ފާޚާނާއަކުން ފިސްތޯލައެއް ފެނުނު މައްސަލަ ފުލުހުން ބަލަމުން އެބަ ދެއެވެ.
އިތުބާރު ހުރި މަސްދަރަކުން ދުވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ނަޝީދު އެޑްމިޓްކޮށްފައި އޮންނަވަނިކޮށް އޭޑީކޭ ފާހާނާތެރެއިން ވަނީ ފިސްތޯލައެއް ފެނިފައެވެ. އަދި ފިސްތޯލައިގައި ވަނީ ސައިލެންސަރެއްވެސް ހަރުކުރެވިފައި ކަމަށް މައުލޫމާތު ލިބެއެެވެ. އަދި އެ ފިސްތޯލަ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން ބެލި ބެލުމުން އެއީ އެމްއެންޑީއެފްގެ ފިސްތޯލައެއްކަން އެނގިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ޗީފް ސުޕްރެންޑިންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މިއަދު ނޫސް ކޮންފަރެންސްއަށް ވަޑައިގެންނެވިއިރު އެ މައްސަލައާ ގުޅޭ މައުލޫމާތެއް ގެންނެވިފައިނުވާ ކަމަށެވެ. އަދި ފުލުހުންގެ މީޑިޔާ ޑިޕާޓުމެންޓު މެދުވެރިކުރައްވައި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން ތިން ނޫސް ކޮންފަރެންސެއް ބާއްވާފައިވާއިރު އަދި މިހާތަނަށް މިފަދަ ކަމެއް ހިނގިކަމުގެ އެއްވެސް މައުލޫމާތެއް ފުލުުހުން މީޑިޔާއަށް ހިއްސާކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް