ފަލަސްތީން މައްސަލައިގަ އދ. ގައި މިރޭ ޝާހިދު ބަހުސް ކުރައްވަނީ

ފަލަސްތީނުގެ ގައްޒާއަށް އިސްރާއިލް ސިފައިން ދެމުންދާ ލާއިންސާނީ ހަމަލާ ތަކާއި ގުޅިގެން މިއަދު އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބ...

20 May 2021 | 07:34

ފަލަސްތީނުގެ ގައްޒާއަށް އިސްރާއިލް ސިފައިން ދެމުންދާ ލާއިންސާނީ ހަމަލާ ތަކާއި ގުޅިގެން މިއަދު އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ7:00 ގައި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ޝާހިދު ބަހުސް ކުރައްވާނީ7:30 އާއި8:00 އާއި ދެމެދު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާ ތަކާއި ގުޅިގެން މިދިޔަ ހަފްތާގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ބައްދަލުވުމުގައިވެސް ޝާޙިދު ވަނީ ދިވެހިން ތިބީ ފަލަސްތީނާއި އެކު ކަމަށް ވިދާޅުވެ އެ ގައުމުގެ ދިފާއުގައި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވާފަ އެވެ. ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކައިގަ، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަނެގެންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް