ކޯވިޑް-19: އަތޮޅު ތެރޭގެ އެކްޓިވް ކޭސްތައް 3،000 އާއި ގާތްކުރޭ!

ރާއްޖޭގެ 105 ރަށަކުން މިވަގުތު ކޯވިޑް-19ގެ 2969 އެކްޓިވް ކޭސް އެބައުޅޭ ކަމަށް ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ...

20 May 2021 | 06:33

ރާއްޖޭގެ 105 ރަށަކުން މިވަގުތު ކޯވިޑް-19ގެ 2969 އެކްޓިވް ކޭސް އެބައުޅޭ ކަމަށް ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ކްލަސްޓަރއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ. އަދި މިވަގުތު 63 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި މި ހާލަތަށް ގެނެވެފައިވާ ގިނަ ރަށްރަށުގައި ބަލި ފެނިފައި ވަނީ އަލާމާތްތައް ފެނިގެން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވުމާ ގުޅިގެން ނޫނީ ހޯމް ކަރަންޓީނުގައި ހުންނަ މީހަކު ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފުވެގެން މުޖްތަމައު ތެރޭގައި ކޮންޓެކްޓްސްތަކެއް އުޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި، އެޗްޕީއޭއިން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރަމުން ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓް ވެގެން ކަރަންޓީން ކުރާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުން ނުވަތަ އުމުރުން ދުވަސްވީ މީހުންނާއި އަދި ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެރަށެއްގެ ހެލްތް ސެންޓަރަށް ގުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި އުޅޭއިރު ބަލީގެ އަލާމާތްތައް ހުރި މީހުން ސާމްޕަލް ނަގައިފިނަމަ ރިޒަލްޓް ލިބެންދެން ގޭގައި މަޑުކޮށް، އެކަހެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސަބަބަކީ ނަތީޖާއަށް ވާނެ ގޮތެއް ނޭނގޭއިރު އެމީހެއްގެ ފަރާތުން މުޖުތަމައުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކަށް ބަލާލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 3،771 މީހުން ކޯވިޑް-19ށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިިން ޕޮޒިޓިވްވެފައި ވަނީ 1،187 މީހުންނެވެ. އޭގެ ތެރެއިން 965 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 214 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 6 މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް